ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަނީ އެކްސްޗޭންޖަރުންގެ މުއާމަލާތްތައް މޮނިޓަރކޮށް ބެލެހެއްޓޭނެ ޒަމާނީ ނިޒާމެއް އެމްއެމްއޭއިން އިފްތިތާހްކޮށްފި

މަނީ އެކްސްޗޭންޖަރުންގެ މުއާމަލާތްތައް މޮނިޓަރކޮށް ބެލެހެއްޓޭނެ ޒަމާނީ ނިޒާމެއް އެމްއެމްއޭއިން އިފްތިތާހްކޮށްފި

ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކުން ކުރާ މުއާމަލާތްތައް އިތުރަށް މޮނިޓަރކޮށް ބެލެހެއްޓުން ހަރުދަނާކުރުމުގެ ގޮތުން، މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ޒަމާނީ "މަނީ ޗޭންޖާ ސިސްޓަމް" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ނިޒާމު އިފްތިތާހުކޮށްދެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ.

އެމްއެމްއޭއިން މައުލޫމާތު ދިން ގޮތުގައި، މި ސިސްޓަމް ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ މަނީ ޗޭންޖިން ވިޔަފާރިކުރާ ފަރާތްތަކުގެ އިދާރީ މަސައްކަތްތައް އޮޓޮމޭޓްކޮށް، އެ އޮތޯރިޓީއާއި ލައިސަންސް އޮންނަ ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް އަވަސް އަދި ފަސޭހަ މަގަކުން ކުރިއަށް ގެންދިއުމެވެ.

މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމާ ގުޅޭ މުއާމަލާތްތައް ދުވަހުން ދުވަހަށް ރިކޯޑުކޮށް ރިޕޯޓުކުރުމަށް މި ސިސްޓަމުގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. އަދި މާލީ ދާއިރާގެ ރެގިއުލޭޓަރީ މިންގަނޑުތައް ހަރުދަނާވެ، ދާއިރާ ސުޕަވައިޒްކޮށް ބެލެހެއްޓުމަށް އެމްއެމްއޭއަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން، މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކުންވެސް ބޭރު ފައިސާގެ މުއާމަލާތްތައް ރިކޯޑުކުރުމަށާއި އެމްއެމްއޭއަށް ރިޕޯޓުކުރުމަށް ބޭނުންކުރަން ޖެހޭނީ އަލަށް ތައާރަފުކުރި މި ސިސްޓަމެވެ.