ސްކޭޓް މޯލްޑިވްސްގެ 5 ވަނަ އިންލައިން ސްކޭޓިން މުބާރާތް 121 ކުދިންނާއެކު ފަށައިފި
ސްކޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ "5 ވަނަ ދިރާގު އޯޕަން އިންލައިން ސްކޭޓިން މުބާރާތް" ރަސްމީކޮށް އިއްޔެ ފަށައިފިއެވެ.
ޖުމްލަ 121 ސްކޭޓަރުންނާއެކު ކުރިއަށްދާ މި މުބާރާތުގައި މިފަހަރު މާލޭގެ އިތުރުން އަތޮޅުތެރޭގެ ކުލަބުތަކުންވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން މައުރޫފް ސްޕީޑް ސްކޭޓިން ކުލަބުގެ 38 ކުދިން، ސްކޭޓް މޯލްޑިވްސްގެ 41 ކުދިން، ސަންޝައިން ސްޕޯޓްސް އެކަޑަމީގެ 22 ކުދިން، އަދި އައްޑޫ ސްކޭޓް ކުލަބަށް ނިސްބަތްވާ 18 ކުދިން މި މުބާރާތުގައި ވާދަކުރެއެވެ.

މާލޭގައި އަލަށް ތަރައްޤީކުރި ސްކޭޓް ޕާކުގައި ބާއްވާ މި ބޮޑު މުބާރާތް އިއްޔެ ހަވީރު ފަށާފައިވަނީ 5 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަކޮށްގެން ބޭއްވި ފެސްޓިވަލް ސްޓައިލްގެ ހަރަކާތްތަކުންނެވެ. މި މުބާރާތުގެ ޓްރެކް އިވެންޓްތައް މާލޭ ސްކޭޓް ޕާކުގައި ކުރިއަށްދާއިރު، ރޯޑް އިވެންޓުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 2 ގައެވެ.
Ads by BMLމި މުބާރާތުގައި ކުދިން ވާދަކުރަނީ 5 އަހަރާއި 15 އަހަރާ ދެމެދުގެ ފަސް އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ:
• 5 އަހަރާއި 7 އަހަރާ ދެމެދު
• 7 އަހަރާއި 9 އަހަރާ ދެމެދު
• 9 އަހަރާއި 11 އަހަރާ ދެމެދު
• 11 އަހަރާއި 13 އަހަރާ ދެމެދު
• 13 އަހަރާއި 15 އަހަރާ ދެމެދު
ސްކޭޓް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މިފަދަ މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ސްކޭޓްކުރާ ކުދިންނަށް ވާދަވެރި މާހައުލެއްގައި އެކުދިންގެ ހުނަރުތައް ތަރައްގީކޮށް، ކުރިއަށްދާނެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.
މި މަހުގެ 5 އިން 7 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތަކީ އަލަށް ބިނާކުރި މާލޭ ސްކޭޓް ޕާކުގައި ބޭއްވޭ ދެވަނަ މުބާރާތެވެ.
Ads by MACL
