އެސްއެމްއީ ޑިޖިޓަލްގެ ތިން ފެސިލިޓީއެއްގެ ލިމިޓް 10 މިލިއަނަށް ބޮޑުކޮށްފި
ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރަށް ފުޅާކުރުމުގެ ގޮތުން، އެސްއެމްއީ ޑިޖިޓަލްގެ ތިން ފައިނޭންސިންގ ފެސިލިޓީއަކަށް ކަނޑައަޅާފައިވާ ލިމިޓް 10 މިލިއަން ރުފިޔާއަށް މަތިކޮށްފިއެވެ.
ކުރިން 5 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރަމުން އައި މި ފެސިލިޓީތަކުގެ ލިމިޓް ދެގުނައަށް އިތުރުކޮށްފައިވަނީ، ވިޔަފާރިތަކަށް އަންނަ ހަލުވި ކުރިއެރުމާ އެއްވަރަށް މާލީ އެހީތެރިކަމަށް އޮތް ބޭނުންތެރިކަން ފުއްދައިދިނުމުގެ މަގުސަދުގައެވެ.
މި ބަދަލު ގެނެސްފައިވަނީ މުޅިން އަލަށް ފަށާ ވިޔަފާރިތަކާއި މިހާރުވެސް ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދޫކުރާ "އެސެޓް ފައިނޭންސިންގ"، "ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ" އަދި "ވެސެލް ފައިނޭންސިންގ" އަށެވެ.
މީގެ ތެރެއިން އެސެޓް ފައިނޭންސިންގއަކީ ވިޔަފާރިއަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ދޫކުރާ އެހީއެކެވެ. އަދި ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ ޚާއްސަކޮށްފައިވަނީ ވިޔަފާރި ހިންގާތާ ދެ އަހަރު ވެފައިވާ ފަރާތްތަކަށް، ކެޕިޓަލް އިންވެސްޓްމަންޓްތަކުގެ ޒަރީއާއިން ވިޔަފާރި ފުޅާކޮށް އައު މާކެޓްތަކަށް ވާސިލުވުމަށް ފުރުސަތު ތަނަވަސްކޮށްދިނުމަށެވެ.
ވެސެލް ފައިނޭންސިންގ ފެސިލިޓީގެ ދަށުން އުޅަނދު ގަތުމަށާއި، ބަނުމަށް އަދި އިންޖީނު އެޅުމާއެކު އުޅަނދުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި ޑައިވް ދޯންޏާއި، ސްޕޯޓްސް ފިޝިންގ އުޅަނދުތަކާއި، އެކްސްކާޝަން އަދި މަސްވެރިކަމުގެ އުޅަނދުތައް ހިމެނެއެވެ.
މި ނިންމުމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ފައިނޭންސިންގ ލިމިޓަކީ އެއްވެސް ވިޔަފާރިއެއްގެ ކުރިއެރުމަށް އެޅޭ ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ ވިޔަފާރިތަކުގެ މާލީ ބޭނުންތައް ފުއްދައިދީ، އެ ވިޔަފާރިތައް އައު ހަރުފަތަކަށް ގެންގޮސްދިނުމުގައި ދެމިއޮންނަ އިތުބާރުހުރި ބައިވެރިއަކަށް ވުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ފައިނޭންސިންގ ފުރުސަތުތަކަށް އެދި ހުށަހެޅުމުގެ ދޮރު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ޝައުގުވެރިވާ ފަރާތްތަކުން އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓު ގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
Ads by MACL
