ޞިއްޙަތަށް އިހުމާލުވުމާއި ނުރައްކާތަކަށް ނަފުސު ހުށަހެޅުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން: ހުކުރު ޚުޠުބާ
ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ޞިއްޙަތަށް ފަރުވާތެރިވުން" މި މައުޟޫއަށް މިއަދު ދިން ޚުޠުބާގައި ވިދާޅުވީ، ދުޅަހެޔޮ ޞިއްޙަތަކީ މާތް ﷲ ދެއްވައިފައިވާ މަތިވެރި ނިޢުމަތެއް ކަމަށާއި އެ ނިޢުމަތުގެ އަގު ވަޒަންކުރެވެނީ އެއިން ކަމަކަށް ބުރޫއަރައި ނުވަތަ އުނިކަމެއް އައުމުން ކަމަށެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި އިންސާނާގެ ނަފުސަކީ މާތް ﷲ ޙަވާލުކުރައްވައިފައިވާ މަތިވެރި އަމާނާތެކެވެ. އެހެންކަމުން ހިތް އެދޭހައި ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނޭ ކަމެއް ނޫންކަން ހަނދާންކޮށްދެއްވަމުން، އީމާންކަމަކީ ތަދު އިޙުސާސްނުވުމެއް ނޫން ކަމަށާއި މުއުމިނު އަޅާގެ ހަޤީޤީ ބާރަކީ، ދަތި ޙާލަތްތަކުގައި ވެސް މާތް ﷲއާ އޮންނަ ގުޅުން ނުކެނޑި ދެމިއޮތުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
Ads by BMLމީގެ އިތުރުން، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމުގެ ހަމައެކަނި ބޭނުމަކީ ބަލިތަކުން ދުރުވެހުރުން ނޫން ކަމަށާއި، އެއީ މާތް ﷲއަށް ކުއްތަންވުމަށާއި ހެޔޮ ޢަމަލުކުރުމަށް ދެއްވައިފައިވާ ފުރުޞަތެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އެގޮތުން ނަމާދުގައި ކޮޅަށް ހުރުމާއި، މިސްކިތަށް ހިނގައިފައި ދިޔުމާއި، މުސްކުޅި މައިންބަފައިންނަށް އޯގާތެރިވުމާއި، ބަލިމީހުންނަށް ގޮވައިލާން ދިޔުމަކީ މާދަމާ ގެއްލި ހިނގައިދާނޭ އަގުހުރި ފުރުޞަތުތަކެއް ކަމަށް ޚުޠުބާގައި ވަނީ ހަނދާންކޮށްދެއްވައިފައެވެ.
Ads by MACL
