ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގިރާވަރުފަޅުން މާލޭ ރައްޔިތުންނަށް 4،000 އަށްވުރެ ގިނަ ގޯތި!

ގިރާވަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްއޭސީއެލް
ގިރާވަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްއޭސީއެލް

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ބޮޑުބައެއް ނިމި، އެ ފަޅުން 4,000 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް ސަރުކާރުން މިހާރު ދަނީ އެންމެ އިސްކަމެއް ދީގެން ތައްޔާރުވަމުންނެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް 115 ހެކްޓަރުގެ ބިން ކާމިޔާބުކަމާއެކު ހިއްކައި ނިމިފައިވާއިރު، މިއީ މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް 68.8 އިންސައްތަ މަސައްކަތެވެ. މިހާރު އެކުލަވާލާފައިވާ ލޭންޑް ޔޫޒް ޕްލޭނަށް ގެނެވުނު ބަދަލުތަކާއެކު، މި މަޝްރޫޢުގެ ދަށުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެއްކޮށް ނިމުމުން ގިރާވަރުފަޅުން މާލޭގެ ރައްޔިތުންނަށް ޖުމްލަ 4,072 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ގިރާވަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ނިންމުމަށްޓަކައި، ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ "ކުއީން އޮފް ދަ ނެދަލަންޑްސް" ގެ އިތުރުން "އޮރާންޖެ" ދަނީ ފަޅު ހިއްކުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. މި މަޝްރޫޢުގެ މާލީ ކަންކަން ހަމަޖެއްސުމުގެ ގޮތުން، ދައުލަތުގެ ބަޖެޓުން އެމްއޭސީއެލް އަށް ވަނީ 650.7 މިލިއަން ރުފިޔާގެ ލޯނެއް ދޫކޮށްފައެވެ.

ކުރީގެ ސަރުކާރު ނިމިގެން ދިޔައިރު ފަޅުފަޅުންނާއި ގިރިގިރިން ދީފައިވާ ގޯތިތައް ހިއްކައި ހަގީގަތަކަށް ހަދާ ދިނުމަކީ އަދުގެ ސަރުކާރުން ވަރަށް ވިސްނުންތެރިކަމާއިއެކު އަދި އެހާމެ އަވަހަށް ނިންމަން މަސައްކަތް ކުރަމުންދާ ޕްރޮޖެކްޓެކެވެ.

ގިރާވަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްއޭސީއެލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުތައް އަވަހަށް ހަޤީޤަތަކަށް ހަދައިދިނުމެވެ. އެގޮތުން، ގިރާވަރުފަޅުގެ ބިން ހިއްކާ ނިމުނުހާ އަވަހަކަށް، އެތަނުން ގޯތި ލިބިފައިވާ ފަރާތްތަކަށް އިންވަކިކޮށް، ރަސްމީކޮށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.