ޕްރައިމަރީ ހެލްތު ކެއާގެ ދާއިރާއިން ރާއްޖެއަށް ބައިނަލްއަގުވާމީ ޝަރަފުވެރި އެވޯޑެއް ލިބިއްޖެ
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅިގެން ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖެއަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެއެވެ. ރާއްޖެއަށް ލިބިފައިވަނީ 'އޭޝިއާ ޕެސިފިކް އެކްޝަން އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު' (އޭއޭއޭއެޗް) އެވޯޑެވެ.
މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވި ގޮތުގައި، މި ކާމިޔާބީއަކީ ރާއްޖޭގެ އަސާސީ ސިއްހީ ހިދުމަތުގެ ނިޒާމު އިތުރަށް ވަރުގަދަކޮށް، އެންމެހައި ރައްޔިތުންނަށް ޝާމިލުވާނޭހެން އާންމު ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ ހާއްސަ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މި ބައިނަލްއަގުވާމީ އެވޯޑަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 174 ފަރާތެއް ނޮމިނޭޓްވެފައިވެއެވެ. ނަމަވެސް، މުޅި ކޮންފަރެންސްގައި މި އެވޯޑު އަރުވާފައިވަނީ ރާއްޖެ ހިމެނޭ ގޮތަށް އެންމެ ހަތަރު ފަރާތަކަށެވެ.
Ads by BMLރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމުގެ ގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރުވެސް ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގައި ހޮސްޕިޓަލްތައް ބިނާކުރުމާއި، ހެލްތު ސެންޓަރުތަކުގެ އެކްސްޓެންޝަން އިމާރާތްތައް އެޅުމުގެ އިތުރުން ރަށްރަށުގައި މިހާރު ދެމުންދާ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ފުޅާކުރުން ހިމެނެއެވެ.
ސަރުކާރުން ސިއްހީ ދާއިރާއަށް ދޭ އަހައްމިއްޔަތުކަން ހާމަކުރައްވަމުން ހެލްތު މިނިސްޓްރީން ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި 10.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ވަނީ ކަނޑައަޅައިފައެވެ.
Ads by MACL
