ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

މޯލްޑިވްސް ޕޮލިސް ---- ފޮޓޯ: މޯލްޑިވްސް ޕޮލިސް
މޯލްޑިވްސް ޕޮލިސް ---- ފޮޓޯ: މޯލްޑިވްސް ޕޮލިސް

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އެ ޝިޕްމަންޓް އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

އެގޮތުން ބަލައި ފާސްކުރި ޝިޕްމަންޓުން ފެނުނު ތަކެތި ތަހުލީލު ކުރިއިރު، އެ ތަކެތި ސިންތެޓިކް ކެތިނޯން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1030 ގްރާމް (1.03 ކިލޯ) ހުރިކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.

މި މަސްތުވާތަކެތި އެތެރެކުރަން އުޅުނީ ކޮން ބައެއް ކަމެއް ކަސްޓަމްސްއިން ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއްވެސް އަދި ސާފެއް ނުވެއެވެ.
ފަހަކަށް އައިސް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު ވަނީ އިތުރުވެފައެވެ.