ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުޑަކުދިންގެ ކަރާމަތަށް އުނިކަންލިބޭ މަޢުލޫމާތު ދައުރުނުކުރަން މިނިސްޓްރީން އިލްތިމާސްކޮށްފި

މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ: ވަޒީރު ގީލާ ޢަލީ
މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ: ވަޒީރު ގީލާ ޢަލީ

އިތުބާރުކުރެވޭ މަޤާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހިމެނޭ ކުއްޖާގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް މައުލޫމާތު ދައުރުނުކުރުމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ ދަށުން އާއިލާއާއި ޖަމާއަތާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭ ބައެއް ކަމަށެވެ. ނަމަވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ހިލާފަށް، ކުދިންގެ ޒާތީ މައުލޫމާތު މީޑިޔާގެ އެކި މަންސަތަކުގައި ހާމަކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާއާ ހަވާލާދީ އެ ބަޔާނުގައި ބުނެފައިވަނީ، ކުށުގެ ތުހުމަތެއް ކުރެވޭ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންގެ ނަމާއި، އެޑުރެހާއި، ތައުލީމު ހާސިލުކުރާ ތަން ފަދަ އެކުދިން ދެނެގަނެވޭނެ އެއްވެސް ޒާތީ މައުލޫމާތެއް މީޑިޔާގައި ނުވަތަ އެނޫންވެސް ވަސީލަތެއްގެ ޒަރީއާއިން އާއްމުކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި މިފަދަ މައުލޫމާތު އާއްމުކުރުމަކީ ކުޑަކުއްޖެއްގެ ހައްގަށް އަރައިގަތުމުގެ އަމަލެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއްކަން ހަނދާންކޮށްދީ، ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެފަދަ އެއްވެސް މައުލޫމާތެއް އާއްމުނުކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލާފައެވެ.