އިސްލާމީ ޝަހްސިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތަކުން ރާއްޖެ ސަލާމަތް ކުރަންޖެހޭ: މިނިސްޓަރު ޑރ. ޝަހީމް
ރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި، އިސްލާމީ ޝަހްސިއްޔަތު ކިލަނބުކޮށްލުމަށް ހިންގާ ޖަރީމާތަކުން ދިވެހިރާއްޖެ ސަލާމަތް ކުރުމުގައި ދެމިތިބެންޖެހޭ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިގޮތަށް ވިދާޅުވީ، ރާއްޖޭގެ ރިސޯޓެއްގެ ގޮނޑުދޮށުގައި ބިދޭސީ ދެ ފިރިހެނުންގެ މެދުގައި އެއްޖިންސުން ކައިވެނީގެ ރަސްމިއްޔާތެއް ބޭއްވި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އެކްސް (ކުރީގެ ޓުވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ކަމާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާ ޚިލާފަށް މިފަދަ ކަންކަން ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި މި މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި މިދިޔަ ބުދަ ދުވަހު އިސްލާމީ ކަންކަމާ ބެހޭ ވުޒާރާގެ ފަރާތުން ފުލުހުންގެ އިދާރާގައި ރަސްމީކޮށް އެދިފައިވާނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
Ads by BML"ރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ކިލަނބުކޮށްލަން ހިންގާ މިފަދަ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމި ތިބެންޖެހޭނެ،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި، ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެފައިވާތީ، އެއީ ގާނޫނުން ހުއްދަކުރާ ކަމަކަށް ނުވާތީ އެ މައްސަލަ މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
ދިވެހިރާއްޖޭގެ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށްވާއިރު، ދީނީ، ޝަރުއީ އަދި އިޖުތިމާއީ އަހުލާގީ މިންގަނޑުތަކާ ޚިލާފު މިފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންވެސް މިފަދަ ކަންކަމަށް މަގުފަހިކޮށްނުދިނުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
މީގެ އިތުރުން، ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފަސްޖެހުމެއް ނެތް ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުންގެ ބަޔާނުގައި ދީފައިވެއެވެ.
Ads by MACL
