އަމިއްލަ ދަރިއަށް ޖިންސީ ގޯނާކުރި މައްސަލަ ސިއްރުކުރި މަންމަ އަލުން ޖަލަށް!
އަމިއްލަ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރަން ފުރުސަތުދީ، އެކަން ސިއްރުކުރި މަންމައެއްގެ މައްޗަށް އިއްވި 18 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމް ބާތިލުކޮށް ހައި ކޯޓުން އޭނާ މިނިވަންކުރި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެން، އޭނާ އަލުން ތަންފީޒީ އިދާރާތަކުގެ ބެލުމުގެ ދަށަށް ގޮސް ހުކުމް ތަންފީޒުކުރަން ޖެހިއްޖެއެވެ.
ހައި ކޯޓުން 2018 ވަނަ އަހަރު ކުރި ހުކުމާ ގުޅިގެން މިނިވަންވެގެން އުޅުނު އެ އަންހެން މީހާ އަލުން ޖަލަށް ފޮނުވާލަން އެންމެ މަތީ ކޯޓުން އަމުރުކުރީ، ދަށު ކޯޓުން ކުރި ހުކުމް ބާތިލުކުރަން ހައި ކޯޓުން ނެރުނު ނިންމުމަކީ ގާނޫނީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ ނިންމުމެއް ކަމަށް ދައުލަތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ ސާބިތުވުމުންނެވެ.
މި މައްސަލައަކީ 2014 ވަނަ އަހަރުން ފެށިގެން އެކި ދުވަސްމަތިން މީހަކު ލައްވައި އަމިއްލަ އަންހެން ދަރިފުޅާ މެދު ޖިންސީ އަމަލު ހިންގުވައި، އެކަމަށް މަގުފަހިކޮށްދިނުމުގެ އިތުރުން އެ ހާދިސާ ސިއްރުކުރި މައްސަލައެކެވެ. މިއީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލު ކުރުވުމުގެ ކުށާއި، ޖިންސީ ގޯނާކުރާކަން އެނގި ހުރެ ރިޕޯޓް ނުކުރުމުގެ ކުށުގައި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން 2016 ގައި ސާބިތުވި މައްސަލައެކެވެ.
Ads by BMLދަށު ކޯޓުގެ ހުކުމް ހައި ކޯޓުން ބާތިލުކުރީ ޝަރީއަތުގެ ލިޔުންތައް ލިބުނުކަން ކަށަވަރު ނުވާތީ ދިފާއުވުމުގެ ހައްގު ގެއްލިފައިވާ ކަމަށް ބަލައި އަދި ރިޕޯޓު ނުކުރި މައްސަލާގައި ފުލުހުންގެ ތަހުގީގެއް ނެތި ދައުވާކޮށްފައިވާ ކަމަށް ނިންމައިގެންނެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކުރެއްވީ މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިންގާފައިވާ ޝަރީއަތަކަށް ވާތީ ލިޔުންތައް ހަވާލުކުރި ރެކޯޑެއް ނެތް ނަމަވެސް، ދަށު ކޯޓުގައި އޭނާ އެފަދަ ޝަކުވާއެއް ކޮށްފައިނުވާ ކަމަށެވެ. އަދި ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނުމާއި މެޑިކަލް ރިޕޯޓްތަކާ ގުޅިގެން ހެކިންނާ ސުވާލުކޮށްފައިވާތީ ލިޔުންތައް ލިބިފައިވާކަން އެނގޭ ކަމަށްވެސް ހުކުމުގައި ފާހަގަކުރިއެވެ.
އޭގެ އިތުރުން ދަރިފުޅަށް ގޯނާކުރާކަން އެނގި ހުރެ ސިއްރުކުރި މައްސަލައިގައި ފުލުހުންގެ ތަހުގީގުގައި އޭނާއާ ސުވާލުކޮށްފައިވާކަން ބަޔާނުން އެނގެން އޮތުމުގެ އިތުރުން، އެކަމަށް އޭނާ އަމިއްލައަށް އިއުތިރާފުވެފައިވާތީ އެ ދައުވާ އުފުލާފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.
ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ހިމެނިވަޑައިގެންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މުހައްމަދު ސަލީމް ވަނީ ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔަށް އިއްތިފާގުވެވަޑައިގެން، ހައި ކޯޓުގެ ނިންމުން ބާތިލުކޮށް ދަށު ކޯޓުގެ 18 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމް ދަމަހައްޓަވައިފައެވެ.
Ads by MACL
