ނަގޫރޯޅިއެއް އަރައި ޅައިމަގުގެ 20 އަށްވުރެ ގިނަ ގެއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ
ށ. ޅައިމަގަށް މިއަދު ހެނދުނު ނަގޫރޯޅިއެއް އަރައި، އެ ރަށުގެ ގިނަ އަދަދެއްގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މީހަކަށް އަނިޔާވެއްޖެއެވެ.
ޅައިމަގު ކައުންސިލް މެމްބަރު އާމިނަތު އަފްރާހާ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 7:00 ހާއިރު އެ ރަށުގެ އިރުމަތީ ފަރާތުން ކަމަށެވެ.

މި ހާދިސާގައި ޖުމްލަ 22 ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު، ބައެއް ގޭގޭގެ މަގުމަތީ ފާރުތައް ވެއްޓި، ގަރާޖުތަކާއި ގޭގޭގެ ފުރާޅުތައް ވަނީ އެއްލާލާފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ މަގުތަކަށާއި ގޭގޭގެ ގޯތިތެރެއަށް ބޮޑެތި ގަސްތައް މުލުން ލުހިގެން ވެއްޓިފައިވެއެވެ.
Ads by BMLނަގޫރޯޅި އެރި ވަގުތު ގޭގެއެއްގެ ގަރާޖެއްގެ ތެރޭގައި ހުރި މީހެއްގެ ގައިގައި ވިއްސައިގެން ދިޔަ އެޅިގަލަކުން ޖެހި، ވެއްޓުމުގެ ސަބަބުން ވަނީ ބޯފަޅައިގެން ގޮސްފައެވެ. އެމީހާއަށް ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، މިހާރު ދޫކޮށްލާފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ކައުންސިލް މެމްބަރު އަފްރާހާ ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މާބޮޑަށް މޫސުން ގޯސްވެފައި ވަނިކޮށްނެއް ނޫނެވެ. ނަމަވެސް، ފަތިހުން ފެށިގެން އެ ރަށަށް ވާރޭ ވެހެމުންދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެ ރަށަށް މިފަދަ ގުދުރަތީ ހާދިސާއެއްގައި މިހާ ބޮޑު ގެއްލުމެއް ލިބުނު ފުރަތަމަ ފަހަރެވެ.
މި ހާދިސާގައި ގެތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލީ މައުލޫމާތު އެއްކޮށް، ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ހިއްސާކުރުމުގެ މަސައްކަތް ޅައިމަގު ކައުންސިލުން ދަނީ ކުރަމުންނެވެ.
Ads by MACL
