ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤައުމީ އެއަރލައިންގެ މިސްރާބު މަތީ ފަންތީގެ ޚިދުމަތަކަށް!

ޤައުމީ އެއަރލައިންގެ މިސްރާބު މަތީ ފަންތީގެ ޚިދުމަތަކަށް!

ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ މިސްރާބު މަތީ ފަންތީގެ ލަގްޒަރީ ޚިދުމަތްތަކަށް އަނބުރާލައި، ވީއައިޕީ ދަތުރުތަކަށް ޚާއްޞަ އައު މަތިންދާބޯޓެއް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެ ކުރިއަރައިގެން އައުމުގައި މޯލްޑިވިއަންއިން މުހިންމު ދައުރެއް އަދާކުރި ނަމަވެސް، ރާއްޖެއަކީ މަތީ ފަންތީގެ މަންޒިލަކަށް ވެފައި، މިހާތަނަށް އައިއިރު އެންމެ އެކަށީގެންވާ ގޮތެއްގައި އެފަދަ ލަގްޒަރީ ޚިދުމަތެއް އެއަރލައިނަށް ފޯރުކޮށެއް ނުދެވެއެވެ. ނަމަވެސް، ގދ. އަތޮޅުގައި އޮންނަ ނިލާ ކޮރަލް އައިލޭންޑް ރިސޯޓާޢި ގުޅިގެން އަލަށް ފެށި މި ޚިދުމަތާއެކު، ފަތުރުވެރިން އެދޭގޮތަށް މަތީ ފެންވަރުގެ ޚިދުމަތް ދިނުމުގެ އަމާޒަށް މިހާރު ވަނީ ވާސިލްވެވިފައެވެ.

މި ޚިދުމަތަށް މޯލްޑިވިއަންއިން ވަނީ ބީޗްކްރާފްޓް ކުންފުނީގެ ކިންގް އެއަރ މަރުކާގެ މަތިންދާބޯޓެއް ރާއްޖެ ގެނެސްފައެވެ. މިއީ މި މަރުކާގެ ބޯޓެއް މޯލްޑިވިއަންއިން އޮޕަރޭޓްކުރާ ފުރަތަމަ ފަހަރެވެ. ޖުމްލަ 11 ފަޅުވެރިންގެ ޖާގަ އޮންނަ މި ބޯޓު ރާއްޖެ ގެނެސްފައިވަނީ، ދަތުރުވެރިންނަށް އެންމެ ފުރިހަމަ އަރާމުކަން ދިނުމުގެ ގޮތުން 8 ފަސިންޖަރުންނަށް ދަތުރުކުރެވޭ ގޮތަށް އެތެރޭގެ ޖާގަ ތަނަވަސްކޮށް، ބިޒްނަސް ކްލާސް ސީޓުތަކަކާއެކު ފަރުމާކޮށްގެންނެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ބޭނުންކުރާ ޑީއެޗްސީ-6 ޓްވިން އޮޓަރ ބޯޓުތަކަކީ މައިގަނޑު ގޮތެއްގައި ސީޕްލޭން އޮޕަރޭޝަންތަކުގައި ބޭނުންކުރާ، ޖާގަ ހަނި ބޯޓުތަކަކަށް ވާތީ ވީއައިޕީ ޚިދުމަތަކަށް އެކަށީގެން ނުވެއެވެ. ނަމަވެސް، އަލަށް ތައާރަފުކުރި ކިންގް އެއަރ ބޯޓަކީ މިހާރު ބޭނުންކުރާ ޒަމާނީ އޭޓީއާރު ބޯޓުތަކަށްވުރެ ވެސް ދަތުރުކުރާ ބާރުމިން އަވަސް ބޯޓެކެވެ.

މޯލްޑިވިއަންގެ މެނޭޖަރ ސޭލްސް މާޒިޔާ ފައިސަލް ވިދާޅުވީ، މި ބޯޓަކީ ފުރޮޅުލީ ބޯޓެއް ކަމުން ރޭގަނޑުގެ ވަގުތުތަކުގައި ވެސް އުދުހެވޭނެ ކަމަށެވެ. މީގެ ސަބަބުން ފަތުރުވެރިން މާލެ އައުމަށްފަހު ރިސޯޓުތަކަށް ދިއުމަށް ކުރަންޖެހޭ އިންތިޒާރު ވަރަށް ބޮޑަށް ކުޑަވެ، ގެސްޓުން ބޭނުންވާ ސްޓައިލަކަށް އަދި ގަޑިއަކަށް ދަތުރުތައް ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިގެންދާނެއެވެ.

ރާއްޖޭގެ ދެކުނުގައި މި ޚިދުމަތް ފެށިނަމަވެސް، މޯލްޑިވިއަންގެ އަމާޒަކީ މި ވީއައިޕީ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމެވެ. މި ލަގްޒަރީ ޚިދުމަތް ރާއްޖޭގެ ހުރިހާ ވިޔަފާރި ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންނާއި، އަދި ރިސޯޓުތަކާއި ކުލަބް ޖަމްޢިއްޔާތަކަށް ވެސް ހުޅުވާލެވިފައިވާ ކަމަށާއި، މިއީ ގައުމީ އެއާލައިނަށް ލިބިގެންދާނެ ބޮޑު ފަޚުރެއް ކަމަށް އެއަރލައިނުން ހާމަކުރެއެވެ.