އިންވެސްޓްމަންޓް ފުރުޞަތުތަކާއެކު އަދީބު ދުބާއީގެ ޑިޕްލޮމެޓިކް ބައްދަލުވުމަކަށް!
ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، ޔޫއޭއީގެ ދުބާއީގައި ބޭއްވުނު ޚާއްޞަ "ޑިޕްލޮމެޓިކް ބިޒްނަސް ލަންޗް" އެއްގައި ބައިވެރިވެވަޑައިގެން، ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭގޮތުން ވާހަކަދައްކަވައިފިއެވެ.
ދުބާއީގެ ކެޕިޓަލް ކްލަބްގައި "ޔޫރޭޝިއާ ގަލްފް" އިން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުމަކީ ބައިނަލްއަޤްވާމީ ވިޔަފާރިވެރިންނާއި، އިންވެސްޓަރުން އަދި ސަރުކާރުތަކުގެ މަންދޫބުންގެ މެދުގައި ގުޅުން ބަދަލުކުރުމަށް ބޭއްވުނު ޚާއްޞަ ޕްލެޓްފޯމެކެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަޙްމަދު އަދީބު ވަނީ ރާއްޖޭގެ ވިޔަފާރިއާއި، އިޤްތިޞާދު އަދި ހޮސްޕިޓާލިޓީ ދާއިރާ ކުރިއެރުވުމަށް ހުރި ފުރުޞަތުތަކުގެ އިތުރުން، ލޯކަލް ޕާޓްނަޝިޕްތަކުގެ ޒަރީޢާއިން ރާއްޖޭގެ މާކެޓަށް ވަނުމަށް ހުރި މަގުތަކާ ބެހޭގޮތުން ތަފްސީލީ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދީބުގެ އިތުރުން "އަލް ޙުޞްން ގްރޫޕް" ގެ ޗެއަރމަން ޑރ. މުޙައްމަދު އަލް ނައީމަތު ވެސް މި ބައްދަލުވުމުގައި ޚާއްޞަ ސްޕީކަރެއްގެ ގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.
Ads by BMLމި ދަތުރުފަތުރާއި ބައްދަލުވުންތަކާ ގުޅިގެން އަދީބު ދާދިފަހުން ވަނީ ވިޔަފާރިއާއި ކޮމާސްގެ ދާއިރާއިން ދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ބައިނަލްއަޤްވާމީ ފެންވަރުގެ "2026 ގްލޯބަލް ރެކޮގްނިޝަން އެވޯޑް" ވެސް ޙާޞިލްކުރައްވާފައެވެ.
މި ބައްދަލުވުމަކީ ޔޫއޭއީއާއި ދިވެހިރާއްޖޭގެ މެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ގުޅުންތައް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި "ޔޫރޭޝިއާ ގަލްފް" އިން ފާހަގަކުރެއެވެ.
Ads by MACL
