ބީއެމްއެލްގެ އެހީއާއެކު ޓައިނީ ހާޓްސްގެ "ހާޓް ހެލްތީ ރާއްޖެ" މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފި
ހިތުގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުވުމަށްޓަކައި "ޓައިނީ ހާޓްސް އޮފް މޯލްޑިވްސް" އިން ކުރިއަށްގެންދިޔަ "ހާޓް ހެލްތީ ރާއްޖެ" މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރާއްޖޭގެ 'ފިޒިކަލް އެކްޓިވިޓީ ގައިޑްލައިން (2022)' ގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން، ތަފާތު އުމުރުފުރާތަކަށާއި ޖިސްމާނީ ގާބިލިއްޔަތު ހުރި މިންވަރަށް ރިއާޔަތްކޮށް ކަސްރަތު ކުރާނެ ގޮތް ދައްކުވައިދޭ 10 ވީޑިއޯއެއް ވަނީ ތައްޔާރުކޮށްފައެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި، ތުއްތު ކުދިންނާއި، މާބަނޑު މީހުންނާއި، ބޮޑެތި މީހުންގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ޚާއްޞަ ވީޑިއޯތައް ހިމެނެއެވެ.
މި ވީޑިއޯތައް މިހާރު ޓައިނީ ހާޓްސްގެ ރަސްމީ ވެބްސައިޓުންނާއި އެކަމަށް ޚާއްޞަކޮށްފައިވާ އިންސްޓަގްރާމް ޕޭޖުން ބަލާލެވޭނެއެވެ. އަދި ގިނަ ބަޔަކަށް މި ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަގު ފަހިކުރުމުގެ ގޮތުން ވީޑިއޯތައް ހިލޭ ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. މި މަޝްރޫއުގެ މައިގަނޑު މަޤްޞަދަކީ ކަސްރަތު ކުރުމުގެ ފުރުސަތު އެންމެންނަށް ފަހިކޮށްދީ، ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ ޤައުމީ މަސައްކަތުގައި ބައިވެރިވުމެވެ.
Ads by BML"ހާޓް ހެލްތީ ރާއްޖެ މަޝްރޫއުގެ އަމާޒަކީ ކޮންމެ އުމުރެއްގެ، ކޮންމެ ހާލަތެއްގައި ހުރި މީހަކަށް ވެސް ކަސްރަތު ކުރުމުގެ މަގު ފަހިކޮށްދިނުން. ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީއާއެކު މި ވަސީލަތްތައް މުޅި ރާއްޖޭގެ އާއިލާތަކަށާއި ރަށްރަށަށް ހިލޭ ފޯރުކޮށްދިނުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިގެން ހިނގައްޖެ،" ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ ޗެއާޕާސަން ޖީހާން މަހްމޫދު ވިދާޅުވިއެވެ.
މި މަޝްރޫއު ކުރިއަށްގެންގޮސްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 'ބޭންކް ފަންޑު' ގެ ހިލޭ އެހީގެ ދަށުންނެވެ. ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ހުޅުވާލައިގެން ބީއެމްއެލްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރަކު ވެސް މުޖުތަމައަށް ފައިދާހުރި 5 މަޝްރޫއެއް ހޮވައި، ކޮންމެ މަޝްރޫއަކަށް 200,000 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.
Ads by MACL
