ކައުންސިލްތަކަށް 2.7 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް!
ސަރުކާރުން 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި، ލާމަރުކަޒީ އުސޫލުން ހިންގާ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް (ހިލޭ އެހީ) ގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ. މިއީ ހިނގަމުންދާ 2026 ވަނަ އަހަރު ކައުންސިލްތަކަށް ކަނޑައެޅި 2.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ 59.7 ބިލިއަން ރުފިޔާގެ ޖުމްލަ ބަޖެޓުގައި ހިމެނޭ ހިލޭ އެހީގެ ޚަރަދުތަކަކީ 3.5 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 2.7 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ޚާއްޞަކޮށްފައިވާއިރު، ގާނޫނުގައިވާ ގޮތުގެ މަތިން މި ފައިސާގެ 80 އިންސައްތަ ލިބޭނީ ރަށު ކައުންސިލްތަކަށެވެ. އަދި ބާކީ 20 އިންސައްތަ ޚާއްޞަކުރެވިގެންދާނީ ސިޓީ ކައުންސިލްތަކަށެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށް ގެނެވުނު ގާނޫނީ ބަދަލުތަކާއެކު، ރަށު އަދި ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާގެ ނިސްބަތް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، ކައުންސިލްތަކަށް ފައިސާ ބަހާ ފޯމިއުލާއަށް ގެނައި އިސްލާހާއެކު، ދެން ފައިސާ ކަނޑައެޅުމުގައި އާބާދީގެ އިތުރުން އެ ރަށެއްގެ ބިމުގެ ބޮޑުމިނަށް ވެސް ރިއާޔަތްކުރެވޭނެއެވެ.
Ads by BMLބަޖެޓު ރިޕޯޓުން ދައްކާގޮތުގައި ސިޓީ ކައުންސިލްތަކުގެ ތެރެއިން އެންމެ ބޮޑު އެލޮކޭޝަނެއް ލިބެނީ މާލެ ސިޓީ ކައުންސިލަށެވެ. އެއީ 257.3 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅިފައިވަނީ އައްޑޫ ސިޓީ ކައުންސިލަށެވެ. އެއީ 99.8 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީއަށް 66.1 މިލިއަން، ކުޅުދުއްފުށީ ސިޓީއަށް 64 މިލިއަން އަދި ތިނަދޫ ސިޓީއަށް 58.1 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ރަށު ކައުންސިލްތަކުގެ ތެރެއިން ކޮންމެ އަތޮޅަކުން އެންމެ ގިނަ ފައިސާ ލިބޭ ރަށްތަކަށް ބަލާއިރު، ލާ މުއަތޮޅު ގަމަށް 43.2 މިލިއަން ރުފިޔާ، ޅ. ނައިފަރަށް 36.4 މިލިއަން ރުފިޔާ، އަދި ހދ. ހަނިމާދޫއަށް 30.9 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
މި ފައިސާ ކައުންސިލްތަކަށް ދޫކުރުމަށް ނިންމާފައިވީ ނަމަވެސް، މާލީ ހިސާބުތައް ބެލެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ވަނީ ފާހަގަކޮށްފައެވެ. އެ މިނިސްޓްރީން ހާމަކުރި ގޮތުގައި 2025 ވަނަ އަހަރުގެ ނިޔަލަށް 31 ކައުންސިލަކުން މާލީ ރެކޯޑްތައް ހަމައަށް ބަލަހައްޓާފައެއް ނުވެއެވެ.
ފައިނޭންސް މިނިސްޓްރީން ބުނީ، ބައެއް ކައުންސިލްތަކުން ލިބޭ ގްރާންޓް ފައިސާ ބޭނުންނުކޮށް ބެހެއްޓުމާއި، ރަށުގެ ތަރައްގީއަށް ކުރެވޭ ކެޕިޓަލް ޚަރަދުތަކުގެ ބަދަލުގައި އިދާރީ އަދި ހިނގަމުންދާ ޚަރަދުތަކަށް އިސްކަންދޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، ދައުލަތުގެ ބަޖެޓަށް ހުރި ނުރައްކާތައް ކުޑަކުރުމަށާއި، ކައުންސިލްތަކުގެ މާލީ ޒިންމާދާރުކަން އިތުރުކުރުމަށްޓަކައި ޚާއްޞަ މޮނިޓަރިންގ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
Ads by MACL
