ތިމާވެށި ރައްކާތެރިކުރުމުގެ ބައިނަލްއަޤްވާމީ މަސައްކަތްތަކުގައި ރާއްޖެ ދެމިއޮންނާނެ: ސްޓޭޓް މިނިސްޓަރު
މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވުނު މަތީ ފަންތީގެ ވަށްމޭޒު މަޝްވަރާގައި، ތިމާވެށި ރައްކާތެރިކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ އެންމެހައި މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަލީ ފާރިސް ޔޫސުފް ދެއްވައިފިއެވެ.
މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައިވެރިންގެ 38 ވަނަ ބައްދަލުވުން (އެމް.އޯ.ޕީ 38) ގެ ހައިލެވެލް ސެގްމަންޓްގެ ތެރެއިން ކުރިއަށްދިޔަ، ކިގާލީ އެމެންޑްމަންޓަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސްޓޭޓް މިނިސްޓަރު ވަނީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އޯޒޯން ފަށަލަ ހިމާޔަތްކުރުމަށާއި، ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކުރުމަށް ރާއްޖެއިން ހޯދާފައިވާ މުހިންމު ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް އެކުލެވޭ ގޭސްތައް ބޭނުންކުރުން ހުއްޓާލުމަށް ބައިނަލްއަގްވާމީ ފެންވަރުގައި އެކުލަވާލާފައިވާ މޮންޓްރިއަލް ޕްރޮޓޮކޯލާއި، ކިގާލީ އިސްލާހު ފުރިހަމައަށް ތަންފީޒުކުރުމުގައި ރާއްޖެ ދެގޮތެއްނުވެ ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
Ads by BMLދުނިޔޭގެ އެކި ގައުމުތަކުގެ އިސް ވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މަގްސަދުގައި ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
ދިވެހިރާއްޖެއަކީ ތިމާވެށީގެ ނާޒުކު ހާލަތުން އަރައިގަތުމަށްޓަކައި، ބައިނަލްއަގްވާމީ އެއްބަސްވުންތަކަށް ފުރިހަމައަށް އަމަލުކުރުމަށް އަބަދުވެސް އެންމެ އިސް ސަފުގައި ވަކާލާތުކުރަމުން އަންނަ ގައުމެއްކަން ފާހަގަކޮށްލެވެއެވެ.
Ads by MACL
