ބޮޑުމީހާގެ ކުށެއް ނެތްކަން ސާފުނުވާހާ ހިނދަކު، އަހަރެން ގަބޫލުކުރާނީވެސް، ހަމްދަރުދީވާނީ ވެސް ކުޑަކުއްޖާއަށް: ވައްޑެ
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައި، ތުހުމަތު ކުރެވޭ ބޮޑު މީހާގެ ކުށެއް ނެތްކަން ދުވާލުގެ އިރުހެން ސާފުނުވާހާ ހިނދަކު އޭނާ ގަބޫލުކުރާނީ އަދި ހަމްދަރުދީވާނީ ވެސް އަނިޔާ ލިބުނު ކުޑަކުއްޖާއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވައްޑެ ވިދާޅުވީ، ބޮޑުސިންގާ މީހެއްގެ ސިޔާސީ ކެރިއަރުގެ އަގަށްވުރެ ކުޑަކުއްޖެއްގެ މުޅި ހަޔާތުގެ އަގު މާބޮޑުވާނެ ކަމަށެވެ. އަދި ކުށެއް ނެތްކަން ސާފުނުވާހާ ހިނދަކު ތުހުމަތު ކުރެވޭ ބޮޑު މީހާއަށް ހަމްދަރުދީ ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ޝާހިދު ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭގެ ފަހުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އޭނާ ދިރިއުޅުއްވާ ހ. ރަބީއީމަންޒިލް ވެސް ބަލައި ފާސްކޮށްފައެވެ.
Ads by BMLhttps://twitter.com/waddey_/status/2118954618487198202
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ އެންމެހައި ތުހުމަތުތައް ދޮގުކުރައްވައިފައެވެ. ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މިއީ އޭނާގެ އަބުރު ކަތިލުމުގެ ބޭނުމުގައި ސިޔާސީ ގޮތުން ފަތުރަމުންދާ އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، އޭނާގެ ފަރާތްޕުޅުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުން ވަނީ އެ އިސްތިއުނާފު މައްސަލަ ބަލައިގަނެ، ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި 23 އަހަރު މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ޝާހިދަކީ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އެމްޑީޕީގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ޝާހިދު އެ މަގާމުން އިސްތިއުފާ ދެއްވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމަށް ފަހުގައެވެ.
Ads by MACL
