ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތަކެތީގެ އަގު ތިރިކުރަނީ ކުދި ވިޔަފާރިތަކުގެ ތެރެއަށް ނުވަދެ: ވަޒީރު ސައީދު

ތަކެތީގެ އަގު ތިރިކުރަނީ ކުދި ވިޔަފާރިތަކަށް ނުފޫޒު ނުފޯރުވައި: އިގްތިސާދީ ވަޒީރު މުޙައްމަދު ސައީދު" ---- ފޮޓޯ: އިޤްތިޞާދީ ވުޒާރާ
ތަކެތީގެ އަގު ތިރިކުރަނީ ކުދި ވިޔަފާރިތަކަށް ނުފޫޒު ނުފޯރުވައި: އިގްތިސާދީ ވަޒީރު މުޙައްމަދު ސައީދު" ---- ފޮޓޯ: އިޤްތިޞާދީ ވުޒާރާ

ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގުތައް ހެޔޮކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ކުދި ވިޔަފާރިތަކަށް ގެއްލުން ނުވާނޭހެން، އަދި އެފަދަ ވިޔަފާރިތަކުގެ ތެރެއަށް ނުވަދެ ތަންފީޒުކުރަމުންދާ ސިޔާސަތުތަކެއް ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ ފަރާތުން މިދިޔަ ބުދަ ދުވަހު ހުށަހެޅި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ހަނޑުލާއި ހަކުރާއި ފުށަކީ އަސާސީ ބާވަތްތަކުގެ ގޮތުގައި ބަލައިގަނެ، އެސްޓީއޯ މެދުވެރިކޮށް އެތަކެތި އެތެރެކޮށް ރައްކާކުރާތާ ފަސްދޮޅަސް އަހަރު ވެފައިވީ ނަމަވެސް، މިއަދު ރައްޔިތުންގެ ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ.

އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، އަސާސީ މުދަލުގެ ލިސްޓަށް ބޮޑު ބަދަލެއް ގެންނަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ކެބިނެޓުގެ ނިންމެވުމާއެކު، 10 ބާވަތުގެ ތަރުކާރީއާއި، 10 ބާވަތުގެ މޭވާގެ އިތުރުން މުގާއި، ކާށްޓާއި، ކުކުޅުބިސް ހިމެނޭހެން ޖުމުލަ 26 ބާވަތެއް އަސާސީ މުދަލުގެ ގޮތުގައި ކަނޑައަޅާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

"މިއީ ސަރުކާރުން އެޅި ސިޔާސީ މުހިންމު ފިޔަވަޅެއް. ރައްޔިތުންގެ ދުވަހީ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަކީ ވެރިންގެ ޒިންމާއެއް. ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ ގުޅުވައިގެން ސިޔާސަތުތައް އެކަށައެޅުމަކީ ޒަމާނީ ޑިމޮކްރަސީގެ އަސާސެއް،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ވަޒީރު ފާހަގަކުރެއްވީ، މީގެކުރިން ވެރިކަން ކުރިއިރު ތަކެތީގެ އަގު އަތްފޯރާ ފަށުގައި ހިފެހެއްޓުމަށް އެދެވޭ ސިޔާސަތުތަކެއް އެކަށައަޅާފައި ނުވާ ކަމެވެ. އަދި 2019 އިން 2023 އަށް އޭރުގެ އިސްވެރިން ދައްކަވާފައިވަނީ ހަމައެކަނި ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ ވާހަކަ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ގަބޫލުކުރަންޖެހޭ ކަމަށާއި، ނަމަވެސް މި ސަރުކާރުގެ ތަފާތަކީ އެފަދަ ލޮޅުންތަކުން ރައްޔިތުން ސަލާމަތްކޮށްދިނުމަށް ދުރާލާ ފިޔަވަޅުތައް އެޅުން ކަމަށެވެ. އެގޮތުން، ފަސްދޮޅަސް އަހަރުވީ ބާ އާދަކާދަ ބަދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި 26 ބާވަތުގެ އަސާސީ މުދަލުގެ ސިޔާސަތު، ޒިންމާދާރުކަމާއެކު ތަންފީޒުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަކީ ރާއްޖެއަށް ހުއްޓުވޭނެ ކަންކަން ނޫން ކަމުގައި ވިޔަސް، އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަކީ ގައުމުގެ ވެރިންގެ ކޮނޑުގައި އެޅިފައިވާ ގައުމީ ޒިންމާއެއް ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އަސާސީ މުދަލުގެ ގޮތުގައި 80 ބާވަތެއް ކަނޑައެޅުއްވުމަށް ނިންމެވީ އެ ސަބަބަށްޓަކައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިނިވަން މާޙަހައުލެއްގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދޭންޖެހޭނެކަން ސަރުކާރުން ވެސް ގަބޫލުކުރާކަން ހާމަކުރައްވަމުން، ވަޒީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ގެންނަ ސިޔާސީ ބަދަލުތަކަކީ ގައުމުގެ އިގްތިސާދީ ހާލަތު ހަމަމަގަށް އެޅުވުމަށްޓަކައި ވަގުތީ ގޮތުން އަޅާ ހާއްސަ ފިޔަވަޅުތަކެއް ކަމަށެވެ.

"އެއްކޮޅުން ކުދި ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ނުވަނުމަށް އެދޭއިރު، އަނެއްކޮޅުން ތަކެތީގެ އަގު އުފުލުން ކޮންޓްރޯލް ކުރުމަށް ވެސް ބާރުއަޅުއްވާ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުން މިދަނީ މި ދެ ކަންތައް އެއްހަމައެއްގައި ހިފެހެއްޓުމަށް. މި ދަތި ހާލަތުން އަރައިގަނެވި، ރައްޔިތުންނަށް ކުރިމަތިވާ ތަކުލީފުތަކަށް ލުޔެއް ލިބިގެންދިޔުމުން ސަރުކާރުގެ ދައުރު މަޑުމަޑުން ހަނިކުރެވިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، މެދުއިރުމައްޗާއި ސަރަހައްދީ އެހެން ގައުމުތަކުގައި ވެސް މިއަދު އަސާސީ ބާވަތްތަކުގެ އަގުތައް ހިފެހެއްޓުމަށް ފިޔަވަޅުތައް އަޅަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއީ ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަހަށް އަންނަ ބަދަލުތަކާއި، ހަނގުރާމަތަކާއި، އަދި ބައިނަލްއަގްވާމީ ވިޔަފާރީގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ