ދައުލަތަށް ނުލިބި ހުރި އާމްދަނީ 14.5 ބިލިއަން ރުފިޔާއަށް އަރައިފި
ދައުލަތަށް އެކި ގޮތްގޮތުން ލިބެންޖެހޭ އާމްދަނީގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު 14.5 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަން ހާމަވެއްޖެއެވެ. މިކަން ހާމަވެފައިވަނީ އަންނަ އަހަރަށް ލަފާކޮށް މާލީ ވުޒާރާއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުންނެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން، ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތަށް ޓެކުހާއި ޓެކުްސް ނޫން ގޮތްގޮތުން ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދަކީ 11.8 ބިލިއަން ރުފިޔާއެވެ. ނަމަވެސް، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ އަދަދު ވަނީ 14.5 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ފައިސާގެ އިތުރުން، މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ލިބެންޖެހި ނުލިބިހުރި ފައިސާގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، އޮކްޓޯބަރު 2024 އާ ހަމައަށް ކަސްޓަމްސްއަށް ނުލިބި ހުރީ 381.3 މިލިއަން ރުފިޔާ ނަމަވެސް، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެ އަދަދު 345 އިންސައްތައިން އިތުރުވެ، މިހާރު ވަނީ 1.7 ބިލިއަން ރުފިޔާއަށް އަރާފައެވެ.
Ads by BMLބަޖެޓުގައި ފާހަގަކޮށްފައިވާ ގޮތުން، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރުން މިހާރަށްވުރެ ހަރުދަނާކުރަން ޖެހެއެވެ. އެގޮތުން މި އަހަރު ޓެކުސް ނެގުމާބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން، ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމުގެ މަސައްކަތް ހަރުދަނާކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން، އަންނަ އަހަރުން ފެށިގެން ކަސްޓަމްސްގެ ފިސްކަލް ކަންކަމާ ގުޅޭ ޒިންމާތައް މާލީ ވުޒާރާގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މާލީ ވުޒާރާއިން ހާމަކުރި ގޮތުގައި މި ބަދަލާއެކު، ޑިއުޓީއާއި ފީތައް ނެގުން ތަންފީޒުކުރުމުގައި ގާނޫނީ ގޮތުންނާއި އިދާރީ ގޮތުން ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ
Ads by MACL
