ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޭރުފައިސާގެ 40 އިންސައްތަ މާރުކުރަންޖެހުނީ އެމްޑީޕީ ސަރުކާރުގެ "ނާމާން މަލަމަތީގެ" ސަބަބުން: ވަޒީރު ސަޢީދު

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ ---- ފޮޓޯ: ޕީއެސްއެމް ނިއުސް
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ ---- ފޮޓޯ: ޕީއެސްއެމް ނިއުސް

ދީފަރާއްޖެއަށް ލިބޭ ބޭރުފައިސާގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް އަދުގެ ސަރުކާރުން ކަނޑައަޅަންޖެހުނީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ގެނެސްދިން "ނާމާން މަލަމަތީގެ" ސަބަބުން ކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީން ވަޒީރު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އެމްޑީޕީ ސަރުކާރު ނިމުނުއިރު ރާއްޖޭގެ އިގުތިސާދީ މަލަމަތި އޮތީ ގައުމު ބަނގުރޫޓުވެ، ދަރާ ފުރޭ ގޮތަށް ކަމަށެވެ. އަދި އެ ހާލަތު ބަދަލުކުރުމަށްޓަކައި، ރާއްޖޭގެ އިގުތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޑޮލަރު ގައުމުގައި ހިފެހެއްޓުމަށްޓަކައި މާރުކުރަންޖެހޭ ނިސްބަތް 20 އިންސައްތައިން 40 އިންސައްތައަށް ބޮޑުކުރަން ޖެހުނީ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، މި އިސްލާހުގެ ސަބަބުން އިތުރުވި ޑޮލަރުގެ ސީދާ ފައިދާ ލިބެމުންދަނީ އާންމު ރައްޔިތުންނަށް ކަމަށެވެ. އެގޮތުން ރާއްޖޭއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި، ހައްޖާއި އުމްރާގެ އަޅުކަމަށާއި، ބޭސްފަރުވާއަށްދާ ފަރާތްތަކުގެ އިތުރުން ވިޔަފާރިތަކަށް ބޭނުންވާ ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) އަށް ވެސް ކުރިއަށްވުރެ ދެގުނަ އިތުރަށް ޑޮލަރު ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދުނިޔޭގައި މިހާރު އޮތް ހަނގުރާމައިގެ ނާޒުކު ހާލަތުގައިވެސް، ރާއްޖެ ދަރަނިވެރިނުވެ ސަލާމަތްކޮށް، ވިޔަފާރިތަކާއި ރައްޔިތުންގެ ތަރައްގީއަށްޓަކައި ސައްތައިން ސައްތައިގެ ކުރިއެރުމެއް ހޯދައިދެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، އޭނާގެ ވަޒީރުކަމުގައި އިގުތިސާދީ އެއްވެސް އިސްލާހީ ސިޔާސަތެއް ތަންފީޒުކޮށްފައި ނެތް ކަމަށް ބުނެ އެމްޑީޕީން ކުރާ ތުހުމަތުތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.