ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލެއަކީ ނުފޫޒުން އެއްކިބާވެފައިވާ މަޝްރޫއެއް، ވަޒީރުންނަށް މަންފާއެއް ނެތް

ރަސްމާލެއަކީ ނުފޫޒުން އެއްކިބާވެފައިވާ މަޝްރޫއެއް، ވަޒީރުންނަށް މަންފާއެއް ނެތް

ރަސްމާލެ މަޝްރޫޢަކީ ނުފޫޒު ފޯރުވުމަށް ނުވަތަ ނާޖާއިޒު މާލީ ފައިދާއެއް ހޯދުމަށް ހިންގާ މަޝްރޫޢެއް ނޫން ކަމަށާއި، މި މަޝްރޫޢާ ގުޅިގެން ސަރުކާރަށް ނުވަތަ އެއްވެސް މިނިސްޓަރަކަށް ހަދިޔާއެއްގެ ގޮތުގައިވެސް އެއްވެސް އެއްޗެއް ދީފައި ނުވާނެ ކަމަށް ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުޙައްމަދު އަލައްބާރާއި އިޒްރޭލާ ގުޅުވައިގެން ދެކެވޭ ވާހަކަތަކާ ގުޅިގެން ދީނީ އިލްމުވެރިންތަކަކާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ބޭއްވި އެ ބައްދަލުވުމުގެ އޯޑިއޯއެއް މިހާރު ވަނީ ލީކުވެފައެވެ.

މާޒީގައި އިޒްރޭލާއި ޒަޔަނިސްޓުންނާ ގާތްގުޅުމެއް ބޭއްވި ބޭފުޅަކަށް އަލައްބާރު ވާތީ އިލްމުވެރިން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޒަޔަނިސްޓުންގެ މައްސަލައިގައި އަލައްބާރާ ސީދާ ސުވާލުކުރެއްވި ކަމަށާއި، އެފަދަ ގުޅުންތަކެއް އޮތީ މާޒީގައި ކަމަށާއި މިހާރު އެފަދަ އެއްވެސް ގުޅުމެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި ކަމަށެވެ.

މީގެ އިތުރުން ރާއްޖެއަކީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ވިސްނުން ގެންގުޅޭ ގައުމެއް ކަމަށާއި، ރާއްޖެއިން ޒަޔަނިސްޓުންނަށް ޕްރޮޕަޓީ ގަނެވިދާނެ ފަދަ އެއްވެސް ފުރުސަތެއް ފަހިވުމަކީ ދިވެހިންގެ ކަންބޮޑުވުމެއްކަން އަލައްބާރަށް ސީދާ އަންގަވާފައިވާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަލައްބާރުގެ ދިފާއުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އޭނާގެ ހަގީގީ ބޭނުމަކީ އިންވެސްޓްކުރާ ގައުމުތަކުގެ ހާލަތު ރަނގަޅުކޮށް ބަދަލުކުރުން ކަމަށެވެ. އަދި އަލައްބާރުގެ އީމާރު ކުންފުނީގެ ހަރަދުގައި ފަލަސްތީނުގެ ގައްޒާގައި 20,000 ހައުސިންގް ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުންދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މުސްތަގުބަލުގައި ލިބޭ އާމްދަނީން ކެނޑޭ އުސޫލުން ހުޅުމާލޭގައި 5,000 ހައުސިންގް ޔުނިޓު އެޅުމަށް އަލައްބާރު އެއްބަސްވެވަޑައިގަތީ، އޭނާއަކީވެސް އެއް ކޮޓަރިއެއްގައި އަށް ބެއިންނާއެކު އުޅެ ބޮޑުވި ބޭފުޅަކަށް ވުމުން އާދައިގެ ރައްޔިތުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިކަން އިހުސާސްކުރެއްވޭތީ ކަމަށެވެ.