ގިނަ އަދަދެއްގެ ވޭޕާއި، މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި
މާލޭގެ ގެއަކުން ދެ ކިލޯއާ ގާތްކުރާ އަދަދަކަށް މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި އެކުލެވޭ ކަމަށް ތުހުމަތުކުރެވޭ ސާމާނުތަކެއް ފެނުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން ޒުވާނުންގެ ބަންދުގެ މުއްދަތު ހަތަރުވަނަ ފަހަރަށް އިތުރުކޮށް، އެމީހުން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އިތުރު 30 ދުވަސް ޖަހައިދީފިއެވެ.
މި މައްސަލައިގައި ހައްޔަރުގައި ތިބީ 21 އަހަރުގެ މަރްޔަމް އީޝާ އަޝްރަފާއި، 26 އަހަރުގެ ހުސައިން ޝާވިންގެ އިތުރުން 25 އަހަރުގެ މުހައްމަދު ނާހިލްއެވެ.
މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވޭތުވެދިޔަ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
Ads by BMLއެ އޮޕަރޭޝަނުގައި އެމީހުން ތިބި ގެއިން 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހީގެ އިތުރުން، މަސްތުވާތަކެތި އެކުލެވިގެންވާ ކަމަށް ތުހުމަތުކުރެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރުގެ އިތުރުން ބަނގުރާ ފުޅިއެއްވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޯޓުން ބަންދު އިތުރުކުރުމަށް ނެރުނު އަމުރުގައިވާ ގޮތުން، އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ ކޯޓަށް ހެކި ހުށަހަޅާފައެވެ. އެގޮތުން ފުލުހުންގެ ބަޔާންތަކުގެ އިތުރުން، މަސްތުވާތަކެއްޗާއި ކުޑަކަމުދާ ތަކެތީގެ ތަހުލީލު ނަތީޖާއާއި، އިންޓެލިޖެންސް ރިޕޯޓުގެ އިތުރުން ސީން އޮފް ކްރައިމް ރިޕޯޓުވެސް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން، މި މައްސަލައިގެ ތަހުގީގު އަވަސްކޮށް ޝަރީއަތަށް ފޮނުވުމުގެ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލައިގެ ލިޔެކިޔުންތައް ވީއެންމެ އަވަހަކަށް ފޮނުވުމަށްވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
Ads by MACL
