ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލޭގައި ތަރައްގީކުރި ފަސްތަރީގެ "މެންހަޓަން ގްރޭންޑް ހޮޓެލް" ރަސްމީކޮށް ހުޅުވައިފި

ހުޅުމާލޭގައި އަލަށް ހުޅުވި ފަސްތަރީގެ މެންހަޓަން ގްރޭންޑް ހޮޓެލް: -- ފޮޓޯ: ވަގުތު އިމޭޖްސް
ހުޅުމާލޭގައި އަލަށް ހުޅުވި ފަސްތަރީގެ މެންހަޓަން ގްރޭންޑް ހޮޓެލް: -- ފޮޓޯ: ވަގުތު އިމޭޖްސް

ހުޅުމާލޭގައި އިމާރާތްކުރަން ފަށައި، މަސައްކަތް ހުއްޓިފައި އެތައް އަހަރެއް ވަންދެން އޮތް ހޮޓެލް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާ "މެންހަޓަން ގްރޭންޑް ހޮޓެލް" ގެ ނަމުގައި ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ. މިއީ މާލެ ސަރަހައްދުގައި މިހާތަނަށް ހުޅުވި ފަސް ތަރީގެ އެންމެ ބޮޑު ހޮޓެލްއެވެ.

މިރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައި މި ހޮޓެލް ހުޅުއްވައިދެއްވީ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރެވެ.
މި މަޝްރޫއަކީ 34 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު 2011 ވަނަ އަހަރު ތަރައްގީ ކުރަން ފެށި އިމާރާތެކެވެ. ނަމަވެސް، ކޮންސްޓްރަކްޝަން ނިމުނު ފަހުން ކުރިއަށް ނުގޮސް އެތައް އަހަރެއް ވަންދެން އޮތް މި ހޮޓެލް ތަރައްގީ ކުރުމަށް ފާއިތުވި 20 އަހަރު ތެރޭގައި 17 އިންވެސްޓަރަކު ޝައުގުވެރިކަން ފާޅުކޮށް މަސައްކަތް ކޮށްފައިވެއެވެ.

މި އިމާރާތް އެއްކޮށް ނިންމާ ހުޅުވާފައިވަނީ އެތަން ހިންގުމަށް ޚާއްސަކޮށް އުފައްދާފައިވާ "ވޯލްޑް އޮފް ބިޒްނަސް" ކުންފުންޏާ ހަވާލުކުރިތާ އެންމެ 11 މަސްދުވަހުގެ ތެރޭގައެވެ. މި ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ 50 އިންސައްތަ ފޮރިން އިންވެސްޓްމަންޓާއެކުގައެވެ. މި މަޝްރޫއަށް އިންވެސްޓްކޮށްފައިވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ "ޑީޕް ސީފުޑް ކޮމްޕެނީ" އިންނެވެ.

މި ހޮޓެލްގެ ވެރިޔާ އިބްރާހިމް ނައީމް ވިދާޅުވި ގޮތުގައި، މި އިމާރާތުގެ މަސައްކަތް ހުއްޓިފައި އޮތުމުން އެކަން ހައްލުކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އޭނާ ސިޓީއެއް ފޮނުއްވިއެވެ. އަދި ރައީސް އެ ސިޓީ ގަބޫލުކުރައްވައި، ގައުމީ ވިސްނުމެއްގައި މިފަދަ މުހިންމު ނިންމެވުމެއް ނިންމެވުމަކީ ގައުމު ދެކެ ލޯބިވާ ވެރިއެއްކަން ހާމަވާ ކަމެއް ކަމަށް ނައީމް ފާހަގަކުރެއްވިއެވެ. ހޮޓެލްގެ ކުރެހުންވެސް ނުލިބި އޮއްވައި، ތަޖުރިބާކާރުންގެ އެހީގައި އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން މިތަން ނިންމާފައިވަނީ ކުރު މުއްދަތެއްގެ ތެރޭގައެވެ.

ފަސްތަރީގެ މި ހޮޓަލުގެ މުހިންމު ބައިތައް:
• ކޮޓަރިތައް: 9 ފަންގިފިލާއަކަށް ބަހާލެވިފައިވާ 162 ކޮޓަރި އާއި ސުއިޓްސް.
• ޚިދުމަތްތައް: ސްވިމިން ޕޫލް، ހޮޓް ޓަބް، ސްޕާ އަދި ވެލްނެސް ސެންޓަރު، ފިޓްނަސް ސެންޓަރު/ޖިމް.
• ހޯލްތައް: ގްރޭންޑް ބެންކެޓް ހޯލެއްގެ އިތުރުން ކޮންފަރެންސް އަދި އިވެންޓްތަކަށް ޚާއްސަ 3 ބޮޑު ހޯލް.
• ކާބޯތަކެތި: ބައިނަލްއަގުވާމީ ފްރެންޗައިސްގެ 4 ރެސްޓޯރެންޓް.

މިއީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ފެންވަރު ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް ހުޅުވުނު ތަނެކެވެ. ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި ހޮޓެލްގެ ސަބަބުން ދައުލަތަށް ޓެކްސް އާއި އާމްދަނީގެ ގޮތުގައި އަހަރަކު 3 މިލިއަނެއްހާ ޑޮލަރު ލިބޭނެއެވެ.

މީގެ އިތުރުން، މި އިމާރާތުން ސަރުކާރުގެ ބޭނުމަށް ޚާއްސަކުރެވޭ 3.5 ފްލޯގެ ޖާގާގައި، ސަރުކާރުގެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، ޔޫތް ސެންޓަރު (އީ-ސްޕޯޓްސް)، ހެރިޓޭޖް ކޮލެޖް އަދި މެޑިކަލް ކޮލެޖް ތަރައްގީކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.