ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ޒާތީ މަޢުލޫމާތު ހާމަނުކުރުމަށް އިލްތިމާސްކޮށްފި

ކުޑަކުދިންގެ ޙައްޤުތަކާއި ކަރާމަތް ރައްކާތެރިކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުން
ކުޑަކުދިންގެ ޙައްޤުތަކާއި ކަރާމަތް ރައްކާތެރިކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުން
އިތުބާރުކުރެވޭ މަޤާމެއްގައި ހުރި ފަރާތަކުން ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، އެ ކުއްޖާގެ ކަރާމަތަށް ގެއްލުންވާނެ ގޮތަށް މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާ މަޢުލޫމާތުތައް އާންމު ނުކުރުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ނުހަނު ބޮޑަށް އިލްތިމާސްކޮށްފިއެވެ. 
އެ ވުޒާރާއިން ނެރުއްވި ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ކުޑަކުދިންނަށް ޢާއިލާގެ ފަރާތުންނާއި، ޖަމާޢަތުގެ ފަރާތުން އަދި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުން ލާޒިމުކުރެއެވެ. ނަމަވެސް، ރާއްޖޭގެ ޤާނޫނުތަކާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާ ޚިލާފަށް، ކުށުގެ ޝިކާރައަކަށްވާ ކުދިންގެ ޒާތީ މަޢުލޫމާތު މީޑިއާގެ އެކި މަންސަތަކުގައި ހާމަކުރަމުންދާކަން އެ މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ. 
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާއާ ޙަވާލާދީ މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުށެއްގެ ޝިކާރައަކަށްވާ ކުދިންނާއި، ކުށުގެ ތުހުމަތުކުރެވޭ ކުދިން އަދި އަޅާލުން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ހާސިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ، އެއީ ކާކުކަން ސީދާގޮތުން ނުވަތަ ނުސީދާގޮތުން ދެނެގަނެވޭނެ އެއްވެސް މަޢުލޫމާތެއް ނުވަތަ ތަސްވީރެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި ޝާއިޢުކުރުމަކީ ޤާނޫނުން މަނާކޮށްފައިވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން، އާންމުން ކަންކަމާ މެދު ދެކޭގޮތަށް ނުފޫޒު ފޯރުވުމުގެ މަޤްޞަދުގައި ނުވަތަ އެނޫންވެސް ބޭނުމެއްގައި ކުދިންގެ ކަރާމާތަށް އުނިކަން އަންނާނެހެން މަޢުލޫމާތު ފެތުރުމަކީ ކުޑަކުއްޖާގެ ޙައްޤުތަކަށް އަރައިގަތުންކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވެއެވެ. 
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ މުޅި މުޖުތަމަޢުގެ ޤާނޫނީ ޒިންމާއަކަށްވާތީ، ކުއްޖާގެ މަސްލަހަތާއި ކަރާމަތް ހިމާޔަތްކުރުމުގެ ގޮތުން މިފަދަ އެއްވެސް މަޢުލޫމާތެއް ސޯޝަލް މީޑިއާގެ މަންސަތަކުގައި އާންމުނުކުރުމަށް އެ ވުޒާރާއިން ވަނީ ހުރިހާ ފަރާތްތަކަކަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.