ގދ. ތިނަދޫއަށް ދަތުރުކުރި "ދެރަހަ" ބޯޓު ފަރަށް އަރައިފި
މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަމުން ދިޔަ "ދެރަހަ" ނަމަކަށް ކިޔާ ބޯޓެއް ފަރަށް އަރައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި މި ބޯޓު އަރާފައިވަނީ ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށެވެ. މި ހާދިސާގެ ރިޕޯޓް ރޭ ދަމުން 00:40 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ހާބަރކްރާފްޓް ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ހަތަރު ދިވެހިންނާއި ހަ ބިދޭސީން ހިމެނޭހެން ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު ރޭ 01:53 ހާއިރު ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ނަގާފައިވާއިރު، ޑިންގީއެއްގައި ގދ. ފެންފުއްޓާއަށް އަރައި ތިބި ބާކީ ތިން މީހުން ވެސް ރޭ 02:10 ހާއިރު ވަނީ ސަލާމަތްކަމާއެކު ހާބަރކްރާފްޓަށް ނަގާފައެވެ.
Ads by BMLއެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، ފަރަށް އެރި ބޯޓު ފުންކުރުމުގެ މަސައްކަތަށް އެ ބޯޓުގެ ވެރިފަރާތުން ފޮނުވި "ސްވިފްޓް" ދޯނި ފަތިހު 04:22 ހާއިރު އެ ސަރަހައްދަށް އައުމުން، ސަލާމަތްކުރި ހުރިހާ ފަޅުވެރިން މިހާރު ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ.
މިހާރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ދަނީ ބޯޓުގެ ވެރިފަރާތާ ގުޅިގެން "ދެރަހަ" ބޯޓު ފަރަށް މަތިން ފުންކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދަމުންނެވެ.
Ads by MACL
