މެޓް އޮފީހުގެ އާ "މޫސުން" އެޕާއެކު ކާރިސާތަކުގެ އިންޒާރު ސީދާ ފޯނަށް
ރާއްޖޭގައި ކުރިމަތިވާ މޫސުމީ ބޮޑެތި ކާރިސާތަކާއި ކުއްލި ނުރައްކާތަކުގެ އިންޒާރުތައް، އެއްވެސް ލަސްކަމެއް ނެތި ސީދާ އާންމުންގެ ފޯނުތަކަށް "ނޮޓިފިކޭޝަން" އެއްގެ ގޮތުގައި ލިބޭނެ ހާއްސަ މޯބައިލް އެޕްލިކޭޝަނެއް "މޫސުން" ގެ ނަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު އިފްތިތާހުކޮށްފި އެވެ. މި އެޕްލިކޭޝަނާއެކު މެޓް އޮފީހުގެ އައު ވެބްސައިޓު ވެސް މިއަދު ވަނީ ރަސްމީކޮށް ބޭނުންކުރަން ފަށައިފަ އެވެ.
މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޢަލީ ޝަރީފް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްދެއްވި މި އެޕްލިކޭޝަނަކީ، ޔޫއެންޑީޕީ (UNDP) އާއި މެޓް އޮފީސް ގުޅިގެން ކުރިއަށްގެންދާ "ތައްޔާރު" މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ މުހިންމު ވަސީލަތެކެވެ. މިއީ މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ކުރިއާލާ ރައްކާތެރިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ހިންގި މަޝްރޫއެއްގެ ބައެކެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ލަފާކުރާ މޫސުމުގެ އިތުރުން، ކަނޑުގެ ހާލަތާއި، ރާޅުގެ އުސްމިނާއި، ދިޔަވަރަށް އަންނަ ބަދަލުތަކުގެ އެންމެ ފަހުގެ ތަފްސީލުތައް ވަގުތުން ބަލައިލެވޭނެ އެވެ. އަދި މޫސުން ބަލާ ސްޓޭޝަންތަކުން ލިބޭ މައުލޫމާތާއި ސެޓެލައިޓް ފޮޓޯތައް ވެސް މި އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. މިއީ ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށާއި، އާންމު ދިރިއުޅުމުގެ ކަންކަން ރޭވުމުގައި ރައްކާތެރިކަން އިތުރުކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ.
Ads by BML"މޫސުން" އެޕްލިކޭޝަން މިހާރު އެޕަލް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން މުޅިން ހިލޭ ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެ އެވެ. މީގެ އިތުރުން މިއަދު އާންމުކުރި އައު ވެބްސައިޓަކީ ވެސް ކުރިއަށްވުރެ ފަސޭހައިން އަދި ހަރުދަނާކޮށް މައުލޫމާތުތައް ހޯދޭނެ ގޮތަށް ޒަމާނީ ބަދަލުތަކަކާއެކު ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ.
Ads by MACL
