ރިވެލި އެވޯޑު 2026 ޖުމުލަ 8 ފަރާތަކަށް ހަވާލުކޮށްފި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ "ރިވެލި އެވޯޑު 2026" ޖުމުލަ 8 ފަރާތަކަށް މިރޭ ހަވާލުކޮށްފިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައި، އެވޯޑު ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން ދެވޭ މި އެވޯޑަކީ، ސަރުކާރުގެ "އޯގާތެރި މުޖުތަމައު" ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހިންގޭ މުހިންމު ގައުމީ ހަރަކާތެކެވެ. މިއަހަރު ހަ ދާއިރާއަކުން އެވޯޑަށް ހުޅުވާލުމުން 25 ފަރާތަކުން ނަން ހުށަހަޅާފައިވެއެވެ.
Ads by BMLއެވޯޑު ލިބުނު ފަރާތްތައް:
• ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ: އަލީ ސަމީމް (ހދ. ކުރިނބި)، މުހައްމަދު ނާހިލް ސަލާމް (ސ. މަރަދޫ) އަދި އައިޝަތު ސަފީގު (ހ. ސަފީގުގެ).
• ރާއްޖެއަށް ރީތި ނަން ހޯދައިދިނުމުގެ ދާއިރާ: އަބްދުއްރައްޒާގު އަބްދުއްސަމަދު (ށ. ބިލެތްފަހި).
• ތައުލީމީ ދާއިރާ: އަމީނިއްޔާ ސްކޫލް.
• ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ: ފާތިމަތު މުހައްމަދު (ހދ. ކުޅުދުއްފުށި).
• އިގުތިސާދީ ގޮތުން ބާރުވެރިކުރުވުން: ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް.
މީގެ އިތުރުން، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗްލާސް ޑިގްރީ ހާސިލުކުރުމާ ގުޅިގެން، ށ. ކޮމަންޑޫ އިސްމާއީލް ރާހިލްގެ ތާރީހީ ކާމިޔާބީ ފާހަގަކޮށް ހެލްތު މިނިސްޓްރީން ވަނީ ހާއްސަ ހަނދާނީ ފިލައެއް އަރުވައިފައެވެ.
ހެލްތު އެންޑް ފެމިލީ މިނިސްޓްރީން ހާމަކުރި ގޮތުގައި، މިފަދަ އެވޯޑުތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބި، މުޖުތަމައުގައި އެ ފަރާތްތައް ބާރުވެރިކުރުވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ އެންމެން ސާމިލުވާ އޯގާތެރި މާހައުލެއް ގާއިމުކުރުން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
Ads by MACL
