ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތާ އެކު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން ޝާހިދު ބޭރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތާ އެކު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން ޝާހިދު ބޭރުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އިއްޔެ ބޭރުކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގްރޫޕުން ބޭރުކޮށްލާފައި މިވަނީ، އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނިކޮށެވެ. ނަމަވެސް، މި ތުހުމަތުތަކާ ގުޅިގެން އެމްޑީޕީން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މި މައްސަލައިގައި ޝާހިދު ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، ބަންދަށް 30 ދުވަހުގެ މުއްދަތެއް ވަނީ އިތުރުކޮށްދީފައެވެ.

ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފައެވެ. ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝާހިދު ވިދާޅުވީ، އެއީ އޭނާގެ އަބުރު ކަތިލުމަށްޓަކައި ސިޔާސީ ގޮތުން ފަތުރަމުންދާ، އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.