ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: 
ފޮޓޯ: މަޖިލިސް އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ: މަޖިލިސް އިދާރާ

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް، މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ޚާއްޞަ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މި ބިލަކީ މި އަހަރުގެ މާޗު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ފަދައިން، މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން އިސްނަގައިގެން ތައްޔާރުކުރި ބިލެކެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދެވެ.

މި ބިލުގައި ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި، ކޯޓުތަކުން ޢަމަލުކުރަންޖެހޭ އުޞޫލުތަކުގެ އިތުރުން، ދައުލަތުން ފުރިހަމަކުރަންޖެހޭ އިލްތިޒާމުތައް ވަނީ ބަޔާންކޮށްފައެވެ. އަދި ކުށްވެރިޔާއަށް ލިބިގެންވާ ޙައްޤުތަކާއި އަދަބު ތަންފީޒުކުރުން މަނާކުރާ ޙާލަތްތަކުގެ އިޖުރާއާތުތައްވެސް މި ބިލުގައި ވަރަށް ސާފުކޮށް ހިމަނާފައިވެއެވެ.

ބިލުގައިވާ މުހިންމު ބައެއް ނުކުތާތައް:
• އަލުން މައްސަލަ ބެލުން: ދަށު ކޯޓަކުން މަރުގެ ޙުކުމެއް ކޮށްފިނަމަ، އެ ޙުކުމެއްގެ ގާނޫނީ ހުރިހާ ނުކުތާތަކެއް މަތީ މަރުޙަލާގެ ކޯޓުތަކުން އަލުން މުރާޖަޢާކޮށް ބަލަންޖެހޭނެއެވެ.
• ވާރިސުންގެ ބަޔާން: މަރުގެ އަދަބު ކަނޑައެޅޭނީ މަރާލެވުނު މީހާގެ ހުރިހާ ވާރިސުން ކުށްވެރިޔާގެ ކިބައިން ގިޞާޞް ހިފުމަށް ބޭނުންވާކަމަށް ޝަރީޢަތުގައި ބަޔާންކޮށް، ޙުކުމް ކުރަންދެން އެގޮތުގައި ދެމިތިބުމުންނެވެ.
• އަދަބު ފަސްކުރެވޭ ޙާލަތްތައް: ކުށްވެރިޔާ ބަލިވެއިނދެގެން ނުވަތަ ވިހައިގެން ކުއްޖާއަށް 2 އަހަރު ފުރެންދެން، އަދަބު މުރާޖަޢާކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނަމަ ގޮތެއް ނިމެންދެން، އަދި ކުށްވެރިޔާގެ ސިއްހީ ނުވަތަ ނަފުސާނީ ޙާލަތު އާދަޔާޚިލާފަށް ދަށްވެފައިވާނަމަ ޙާލަތު ރަނގަޅުވަންދެން އަދަބު ތަންފީޒުކުރުން ފަސްކުރަންޖެހެއެވެ.
• ސިއްރުން އަދަބު ދިނުން: މަރުގެ އަދަބު ތަންފީޒުކުރަންވާނީ ޢާންމުންނަށް މަންޒަރު ނުފެންނާނެ ފަދަ އެކަށީގެންވާ ތަނެއްގައެވެ. ޢާންމުކޮށް ފެންނާނެހެން އަދަބު ތަންފީޒުކުރުމަކީ މި ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމަށްފަހު، ކުރިއަށް އޮތް ދުވަސްތަކުގައި ބިލުގެ ބަހުޘް މަރުޙަލާ ކުރިއަށްދާނެއެވެ.