ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެހެން ޕާސްޕޯޓެއްގައި އައިސްގެން ވެސް އިޒްރޭލު މީހުންނަށް އިންވެސްޓެއް ނުކުރެވޭނެ: ރައީސް

އެހެން ޕާސްޕޯޓެއްގައި އައިސްގެން ވެސް އިޒްރޭލު މީހުންނަށް އިންވެސްޓެއް ނުކުރެވޭނެ: ރައީސް

އިޒްރޭލުގެ ރައްޔިތުންނަށް ދިވެހިރާއްޖޭގައި އިންވެސްޓް ނުކުރެވޭ ގޮތަށް ގާނޫނީ ގޮތުން ހުރިހާ ދޮރުތަކެއް ބަންދުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދުއަލް ޕާސްޕޯޓު ނުވަތަ އެހެން ގައުމެއްގެ ރަށްވެހިކަން އޮންނަ އިޒްރޭލު މީހަކު އެހެން ޕާސްޕޯޓެއްގައި ރާއްޖެއަށް އެތެރެވި ކަމުގައި ވިޔަސް، އެފަދަ މީހަކަށް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައި އެކަން ވަރަށް ތަފްސީލުކޮށް ހިމަނާފައިވާނެ ކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއިން ޕްރޮޕަޓީއެއް ގަންނަން ނުވަތަ އިންވެސްޓް ކުރަން އުޅޭ ކޮންމެ ފަރާތެއްގެ ކޭވައިސީ (ކަސްޓަމާ އެނޯއިންގް) މައުލޫމާތު ވަރަށް ފުޅާދާއިރާއެއްގައި ޗެކްކުރެވޭނެ ކަމަށެވެ. އަދި އެ މީހަކީ އިޒްރޭލުގެ ރަށްވެހިކަން އޮތް މީހެއް ނޫންކަން ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރުމަށްފަހު މެނުވީ އިންވެސްޓް ކުރުމުގެ އެއްވެސް ހުއްދައެއް ނުދޭނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ރިއަލް އެސްޓޭޓް ގާނޫނު ވުޖޫދަށް އަންނައިރު އިޒްރޭލުގެ އެއްވެސް މީހަކަށް ނުވަތަ ކުންފުންޏަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ފަދަ އެއްވެސް "ލޫޕްހޯލެއް" ނުވަތަ ގާނޫނީ ހީލަތެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވިއެވެ.

ސަރުކާރުން މިފަދަ ޔަގީންކަމެއް ދެއްވާފައި މިވަނީ ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ތެރެއިން އިޒްރޭލު މީހުން އާބާދުވެދާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މީގެއިތުރުން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެއްވެސް ހާލަތެއްގައި އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.