ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޭރު ފައިސާ މާރުކުރުމުގެ އައު އުސޫލުން ކަޅުބާޒާރު ކަންޓްރޯލްވެ ޑޮލަރުގެ ދަތިކަން ހައްލުވާނެ: ރައީސް

ބޭރު ފައިސާ މާރުކުރުމުގެ އައު އުސޫލުން ކަޅުބާޒާރު ކަންޓްރޯލްވެ ޑޮލަރުގެ ދަތިކަން ހައްލުވާނެ: ރައީސް

ޓޫރިޒަމް ދާއިރާއާއި އެހެނިހެން ސެކްޓަރުތަކަށް ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ފެށުމުން، ޑޮލަރުގެ ކަޅުބާޒާރަށް ބޮޑު ލުޔެއް ލިބި އިޤްތިޞާދަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޤައުމަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ ރިއަލް އެސްޓޭޓް މަޝްރޫޢުތަކާއި އިޤްތިޞާދީ އެކި ހަރަކާތްތަކުގެ ތެރެއިން ރާއްޖެއަށް ބޭރު ފައިސާ އިތުރަށް ވަންނާނެ މަގުތައް ފަހިކުރަމުންދާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަލަށް އަމަލުކުރަން ފެށި ބޭރު ފައިސާ މާރުކުރުމުގެ އުސޫލުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ އޮފިޝަލް ރިޒާވް ވަރުގަދަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު ލިބުން ފަސޭހަވެގެން ދިއުމާއެކު، އާންމު ބާޒާރުގައްޔާއި ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލުން ކަންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތުގެ އެދެވޭ ނަތީޖާ ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ސަރުކާރުން އެކި ފްރަންޓުތަކުގައި ކުރިއަށްގެންދާ މާލީ އަދި އިޤްތިޞާދީ އިޞްލާޙީ މަސައްކަތްތަކާއެކު، ޑޮލަރުގެ ދަތިކަމަށް ޙައްލެއް ހޯދުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.