ނުކުޅެދުންތެރިކަން ހުންނަ 500 މީހުންނަށް ވަޒީފާ ދިނުމަށް ސަރުކާރުން އަމާޒެއް ކަނޑައަޅައިފި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން 500 މީހަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމުގެ ޚާއްޞަ އަމާޒެއް ކަނޑައަޅައިގެން ސަރުކާރުން މަސައްކަތް ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރު ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ އެންގުމާ ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނަށް އަސަރެއް ކޮށްފާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުންފުނިތައް ރީ-ސްޓްރަކްޗަރ ކުރުމުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ އެއްވެސް ފަރާތެއްގެ ވަޒީފާ ގެއްލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފައިވާނަމަ އެކަން އިޞްލާޙު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ސިޔާސަތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބާރުއެޅުމެވެ. އެގޮތުން، މިހާރުވެސް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް 500 ފަރާތަކަށް ވަޒީފާ ދިނުމުގެ ޓާގެޓެއް ކަނޑައަޅައިގެން ޢަމަލީ މަސައްކަތްތަކެއް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެފަރާތްތަކަށް ދާއިމީ އާމްދަނީއެއް ލިބޭނެ މަގު ފަހިކޮށްދިނުމަކީ މި ސަރުކާރުން އިސްކަންދޭ މުހިންމު ސިޔާސަތެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
Ads by MACL
