ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެހެން ގައުމެއްގެ ޕާސްޕޯޓު އޮތް ނަމަވެސް އިސްރާއީލު މީހުންނަށް ރާއްޖޭގައި އިންވެސްޓެއް ނުކުރެވޭނެ: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ.
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިޒްރޭލުގެ އިތުރުން އެހެން ގައުމެއްގެ ރަށްވެހިކަން (ޑުއަލް ޕާސްޕޯޓު) އޮންނަ މީހަކަށް ރާއްޖެ އެތެރެވުމުގެ ފުރުސަތު އޮތް ނަމަވެސް، އެފަދަ އެއްވެސް މީހަކަށް ރާއްޖޭގެ ބިމުން ޕްރޮޕަޓީއެއް ގަތުމާއި އިންވެސްޓް ކުރުމުގެ އެއްވެސް ފުރުސަތެއް ގާނޫނީ ގޮތުން ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައި އެކަންކަން ވަރަށް ހަރުދަނާކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި އިމިގްރޭޝަން ގާނޫނުން މަނާކުރަނީ ހަމައެކަނި އިޒްރޭލުގެ ޕާސްޕޯޓް ކަމުގައި ވިޔަސް، ރިއަލް އެސްޓޭޓް ބިލް ފަރުމާކޮށްފައިވަނީ އެއަށްވުރެ މާ ފުޅާ ދާއިރާއެއްގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ދެ ގައުމެއްގެ ޕާސްޕޯޓު އޮންނަ މީހަކު އެހެން ގައުމެއްގެ ލިޔެކިޔުމުގައި ރާއްޖެ އެތެރެވި ނަމަވެސް، ރާއްޖޭގައި އިންވެސްޓް ކުރެވޭނީ ކަމާބެހޭ އިދާރާތަކުން ބަލަންޖެހޭ "ކޭވައިސީ" މަރުހަލާތައް ފުރިހަމަކޮށް، އެ މީހެއްގެ ފަސްފަހަތް ވަރަށް ރަނގަޅަށް ކަށަވަރުކުރުމަށް ފަހުގައެވެ. އެހެންކަމުން، މި ގާނޫނު ވުޖޫދުވާއިރު އިޒްރޭލުގެ އެއްވެސް ފަރާތަކަށް މަންފާ ހޯދޭނެ އެއްވެސް "ލޫޕްހޯލެއް" ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ޔަގީންކަން ދެއްވާފައި މިވަނީ، ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ފަހިވެދާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މީގެއިތުރުން، އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް މުތުލަގަށް މަނާކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވެސް ސަރުކާރުގެ ފަރާތުން މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލުގައި ބަޔާންކޮށްފައިވަނީ ރާއްޖެ އެތެރެވުން މަނާ މީހުންގެ ލިސްޓުގައި އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ކަނޑައެޅިގެން ހިމެނުމަށެވެ.