ދިވެހިންނަށް ފައިދާ ބަހާ "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ރައީސް އުފައްދަވައިފި
ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ ހުރިހާ ދިވެހި ރައްޔިތުންނަށް ހަމަހަމަކަމާއެކު ބެހިގެންދާނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި، "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީ.އާރް.އެޗް.ސީ)" ގެ ނަމުގައި ސައްތަ އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2026/19 ޤަރާރުން މި ކުންފުނި އުފެއްދެވީ، ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ. ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްސަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކުގެ އަގު މަތިކޮށް، އަންނަންއޮތް ޖީލުތަކަށް އެއިން އެންމެ އެދެވޭ ދިގުމުއްދަތުގެ މަންފާ ލިބިދެވޭނެ ފަދަ އިންވެސްޓްމަންޓ ޕޯޓްފޯލިއޯއެއް ބިނާކުރުމެވެ.
މި ކުންފުނިން ތިމާވެށި ރައްކާތެރިކުރުމަށާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަޤްވާމީ ފެންވަރުގެ ރިސޯޓުތައް ތަރައްޤީކުރާނެއެވެ. އަދި ދިވެހިންނަށް ވަޒީފާއާއި ފަންނީ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީ، ޤައުމީ އިޤްތިޞާދަށް ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.
Ads by BMLމި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުޢިއްޒު ވަނީ ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި މި ކުންފުނި މެދުވެރިކޮށް މަދުވެގެން 10 ރިސޯޓު ތަރައްޤީކުރާނެ ކަން އިޢުލާންކުރައްވާފައެވެ. އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް، ކޮންމެ ދިވެއްސެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭނެއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއްކަމުގައި ޤާނޫނަކުން ކަނޑައަޅުއްވާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ކުރިން ވިދާޅުވެފައިވެއެވެ.
Ads by MACL
