ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަހިޕޭ އިން "ފަވަރަ" ނިޒާމާ ގުޅުމަށް އެމްއެމްއޭއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފަހިޕޭ އިން ޤައުމީ ޕޭމަންޓް ނިޒާމު "ފަވަރަ" އާ ގުޅުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ފޮޓޯ: ޕީއެސްއެމް ނިއުސް
ފަހިޕޭ އިން ޤައުމީ ޕޭމަންޓް ނިޒާމު "ފަވަރަ" އާ ގުޅުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް ނިއުސް

ޤައުމީ ޕޭމަންޓް ނިޒާމު "ފަވަރަ" އާ ގުޅޭ ބޭންކް ނޫން ދެވަނަ ޚިދުމަތްދޭ ފަރާތަކަށް ވުމަށްޓަކައި، ޑިޖިޓަލް ވޮލެޓެއް ކަމަށްވާ ފަހިޕޭ އިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި، ފަވަރަ ނިޒާމުގެ ޚިދުމަތްތައް ރަސްމީކޮށް ފެށުމުގެ ކުރިން ހަދަންޖެހޭ ފުރަތަމަ މަރުހަލާގެ ޓެސްޓުތައް ކުރިއަށް އޮތް ދުވަސްތަކުގައި ފަހިޕޭ އިން ފުރިހަމަކުރާނެއެވެ. އަދި އެއަށްފަހު، ޚިދުމަތް ލޯންޗުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވުމަށް ވަނީ ނިންމާފައެވެ. ރާއްޖޭގައި ހިންގާ ބޭންކުތަކާއި ބައެއް ޑިޖިޓަލް ވޮލެޓުތައް މިހާރުވެސް ފަވަރަ ނިޒާމާ ގުޅިފައިވާއިރު، ދިރާގުން ވެސް ވަނީ މި ނިޒާމާ ގުޅިފައެވެ.

ފަވަރަ ނިޒާމު އިތުރަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، އެމްއެމްއޭ އިން ވަނީ އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް އާ މި ނިޒާމު ގުޅާލައި، ޚިދުމަތް ލޯންޗުކޮށްފައެވެ. މި މަޝްރޫއުގެ ދެވަނަ ފޭސްގެ ދަށުން، ކިއުއާރް ކޯޑު ބޭނުންކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މީގެއިތުރުން، ފަވަރަ އަދި ޕޭމަންޓް މޯލްޑިވްސްގެ ޚިދުމަތްތަކަށް ޚާއްސަ ހޮޓްލައިނެއް އެމްއެމްއޭ އިން ދާދިފަހުން ވަނީ ތައާރަފުކޮށްފައެވެ. މަރުކަޒީ ބޭންކުން ބުނި ގޮތުގައި، މި ހޮޓްލައިންގެ ބޭނުމަކީ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކަސްޓަމަރުންނަށް ދިމާވާ މައްސަލަތައް އަވަހަށް އަދި ފަސޭހައިން ހައްލުކޮށްދިނުމެވެ. އެމްއެމްއޭގެ ބެލުމުގެ ދަށުން، މި ހޮޓްލައިން މެދުވެރިކޮށް ހުށަހަޅާ މައްސަލަތައް ޕޭމަންޓް މޯލްޑިވްސް އިން މުރާޖައާކޮށް ހައްލުކުރަމުންދާނެއެވެ.