ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ އަންނަ އަހަރުގެ ނިޔަލަށް ނިންމާނެ: ޒަރީރު

މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ އަންނަ އަހަރުގެ ނިޔަލަށް ނިންމާނެ: ޒަރީރު

އަންނަ އަހަރު ނިމުމުގެ ކުރިން، މިހާރު ހިނގަމުންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ 70 އިންސައްތަ މަސައްކަތް އެއްކޮށް ނިންމާލުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، މި ވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުންދަނީ ފެށިފައިވާ މަޝްރޫއުތައް އަވަހަށް ނިންމުމަށް ކަމަށެވެ. އަދި މި ހިނގާ އަހަރުގެ ބާކީ އޮތް މުއްދަތުގައިވެސް އެ މަސައްކަތްތައް އަވަސްކުރުމަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން މި އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ތަރައްގީގެ މަޝްރޫއުތައް ނިންމުމަށްޓަކައި އިތުރު 1.5 ބިލިޔަން ރުފިޔާ ހޭދަވާނެ ކަމަށް މާލީ ވަޒީރު އަންދާޒާ ކުރެއްވިއެވެ. ނިމުނު އޮކްޓޯބަރު މަހުގެ ނިޔަލަށް 5.3 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އަހަރު ނިމޭއިރު އެ އަދަދު 6.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކެޕިޓަލް ހަރަދުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. އެގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތަކުގެ ކެޕިޓަލް ހަރަދަށް 9.9 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު، ޕީއެސްއައިޕީގެ މަޝްރޫއުތަކަށް އެކަނިވެސް 8.2 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މި ހިނގާ އަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރިން 8.3 ބިލިޔަން ރުފިޔާ ކަނޑައެޅި ނަމަވެސް، އެ އަދަދު މިހާރު ވަނީ 6.5 ބިލިޔަން ރުފިޔާއަށް ރިވައިޒްކޮށް ކުޑަކޮށްފައެވެ.