ވީރާނާވާން ދޫކޮށްލާފައި އޮތް ހުޅުމާލޭ ވޯޓަރ ތީމް ޕާކްގެ މަސައްކަތް އަލުން ފަށަނީ
ހުޅުމާލޭ ފޭސް އެކެއްގެ ބީޗް ސަރަހައްދުގައި ތަރައްޤީކުރަން ފެށުމަށްފަހު، އެއްވެސް މަސައްކަތެއް ނުހިނގާ ވީރާނާވާން ދޫކޮށްލާފައި އޮތް ވޯޓަރ ތީމް ޕާކްގެ މަސައްކަތް އަލުން ފެށުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އۆފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް އެ ވޯޓަރ ތީމް ޕާކްގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ އެތަން ބަޔަކާ ހަވާލުކޮށްފައި ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެތަން ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނޭ ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި އަމަލީ މަސައްކަތް ފަށާތާ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައި، ރައްޔިތުންނަށް އެތަން ހުޅުވައިލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
Ads by BMLހުޅުމާލޭގައި ވޯޓަރ ތީމް ޕާކެއް އެޅުމުގެ މަޝްރޫޢަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފެށި މަސައްކަތެކެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު ވެސް އެ މަޝްރޫޢު އެދެވޭ ގޮތެއްގައި ކުރިއަކަށް ނުދެއެވެ. އެޗްޑީސީން ކުރިން މެލޭޝިޔާގެ ކުންފުންޏަކާ ހަވާލުކޮށްގެން 2018 އަށް ނިންމަން ތާވަލުކުރި ނަމަވެސް، ދިމާވި ޓެކްނިކަލް އެކި މައްސަލަތަކާ ހުރެ މަޝްރޫޢު އެއްކޮށް ހުއްޓި، އެތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ.
ހުޅުމާލޭގައި ތަރައްޤީކުރެވޭ މި ވޯޓަރ ތީމް ޕާކްގެ މަޝްރޫޢު އެއްކޮށް ނިމިގެންދާއިރު، އެތަނުގައި ފެނުގެ ކުޅިވަރުތަކުގެ އިތުރުން ފުޑް އެންޑް ބެވެރޭޖް އައުޓްލެޓްތަކާއި ޒަމާނީ ފެންވަރުގެ ހޮޓަލެއް ތަރައްޤީކުރުމަށް ވެސް ވަނީ ރޭވިފައެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢު އަވަހަށް ނިންމައި، ހުޅުމާލެއަކީ ދިވެހިންނާއި ފަތުރުވެރިންނަށް ވެސް ހިތްފަސޭހަ މުނިފޫހިފިލުވުމުގެ ވަސީލަތްތައް ފުރިހަމަވެފައިވާ ތަނަކަށް ހެދުމެވެ.
Ads by MACL
