ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީގަލް ހިލްސްގެ ރަސްމާލެ މަޝްރޫއުގައި ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް

ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ނުޖެހޭ ކަމަށާއި، އެފަދަ ރިފަރެންޑަމަކަށް ސަރުކާރުން ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި މަޝްރޫއާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅިފައިވާ ބިލުގައި ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކާއި، ދިވެހި ދައުލަތުގެ މިނިވަންކަމާއި، ސިޔާދަތީ ބާރު މުޅިން ހިމާޔަތްކުރެވޭނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ގަވާއިދެއްގެ ތެރެއިން މިފަދަ މުހިންމު ކަންކަން ނިންމުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދިނީ ސީދާ ގާނޫނުގެ ތެރެއިން ހުރިހާ ތަފްސީލެއް ސާފުކޮށްދިނުމަށެވެ. ހާއްސަކޮށް ބިލުގެ 8 ވަނަ ބާބުގައި އަންނަން އޮތް ޖީލުތަކުގެ ހައްގުތައް ހިމާޔަތްކުރެވިފައިވާ މިންވަރު ސާފުކޮށް އެނގިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އިދިކޮޅު ފަރާތްތަކުން މި މަޝްރޫއާ ގުޅުވައިގެން ދައްކަނީ ސިޔާސީ ބޭނުމަށްޓަކައި ދައްކާ އަސާސެއް ނެތް ވާހަކަތަކެއް ކަމަށްވެސް ރައީސް ސިފަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" ގައިވާ ގޮތުން، ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދެއް މާސްޓާ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ އެންމެ ދިގުމުއްދަތަކަށްވެސް 99 އަހަރަށެވެ. އަދި އެފަދަ ޒޯންތަކުން ލިބޭ މުދަލާއި ހިދުމަތުން ޓެކްސް ނަގާނީ ޓޫރިޒަމް ދާއިރާގެ ރޭޓުގައެވެ.

އެ ބިލުގައި އިސްލާމީ އަގުތަކާއި ދީނީ މިންގަނޑުތައް ހިފެހެއްޓުމަށް ހަރުކަށި އުސޫލުތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން ބަނގުރަލާއި، އޫރުމަހުގެ އުފެއްދުންތަކާއި، ޖުވާކުޅުން ފަދަ އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަންކަން މުޅިން މަނާކުރުމުގެ އިތުރުން، އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރުމާއި އަޅުކަންކުރާ ތަންތަން ހެދުންވެސް އެ ސަރަހައްދުތަކުގައި ވަނީ މަނާކޮށްފައެވެ.