ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މާދަމާ ތުރުކީވިލާތަށް ފުރާވަޑައިގަންނަވަނީ
ތުރުކީވިލާތުގައި ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާދަމާ އެ ގައުމަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މިއަހަރުގެ ކޮޕް31 ސަމިޓު މިއަދުން ފެށިގެން މި މަހުގެ 20 އިގެ ނިޔަލަށް ކުރިއަށްދަނީ ތުރުކީގެ އަންތާލިޔާ އެކްސްޕޯ ސެންޓަރުގައެވެ. މި ސަމިޓުގެ ތެރެއިން މި މަހުގެ 11 އިން 12 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ލީޑާސް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
ފުރުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އިސް ދައުރެއް އަދާކުރާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތާއި، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ އިތުރުން ގޮނޑުދޮށްތައް ހިމާޔަތްކުރުމާ ގުޅޭގޮތުން މި ސަމިޓުގައި ރާއްޖެއިން ވަކާލާތު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by BMLރާއްޖެއަކީ ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށް ވީނަމަވެސް، ބައިނަލްއަގުވާމީ ތިމާވެށީގެ އެއްބަސްވުންތައް ތަންފީޒުކުރުމަށް ރާއްޖެއިން ބާރުއަޅާނެ ކަމަށާއި، އޭގެ ސަބަބުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ދަށުން ގެންގުޅޭ "މޯލްޑިވްސް ފަސްޓް" ޕޮލިސީއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި 20 ދާއިރާއަކުން ވެފައިވާ އެއްބަސްވުންތަކުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އެގޮތުން ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ޕާކިސްތާނަށް ކުރާ ވައިގެ ދަތުރުތަކާއި، ކަނޑުގެ މަގުން ކުރާ ދަތުރުތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، މިއީ އިގުތިސާދީ ގޮތުން ރާއްޖެއަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ، ސަރަހައްދީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން، ހުއްޓިފައި އޮންނަތާ 10 އަހަރުވެފައިވާ ސާކްގެ ހަރަކާތްތައް އަލުން ފެށުމަށްޓަކައި ރާއްޖެއިން އިސްނަގައިގެން މަޝްވަރާތައް ކުރަމުންދާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
Ads by MACL
