ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެފްރިކާގެ 7 ގައުމަކާއެކު ޚާރިޖީ ގުޅުން ގާއިމުކުރުމުގެ މަޝްވަރާތައް ފަށައިފި

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ----
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ----

ރާއްޖެއާ ސިޔާސީ ގުޅުން ގާއިމުވެފައި ނުވާ އެފްރިކާ ބައްރުގެ ހަތް ގައުމަކާއެކު ރަސްމީކޮށް ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ދިވެހި ސަރުކާރުން ފަށައިފިއެވެ.

ސަރުކާރުގެ "އަހާ" ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ދުނިޔޭގެ 187 ގައުމަކާއެކު މިހާރު ވެސް ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކޮށްފައިވާއިރު، އިތުރު ގައުމުތަކާއެކު ގުޅުން ގާއިމުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.

ޚާރިޖީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ ބޮޑު އަމާޒަކީ ދިވެހި ރައްޔިތުންނަށް ސީދާ ފައިދާއާއި ލުއިފަސޭހަކަން ހޯދައިދިނުމެވެ. އެގޮތުން، ދިވެހިން ގިނައިން އުޅޭ އަދި ދަތުރުކުރާ ސްރީލަންކާއާއި މެލޭޝިއާ ފަދަ ގައުމުތަކުގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އިސްކަންދެއްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޑިޕެންޑެންޓް ވިސާއާއި، މެޑިސިން ކިޔަވާ ދަރިވަރުންގެ ވިސާގެ މަސައްކަތްތަކަށް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު މަޝްވަރާ ކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް އިޤްތިޞާދީ އިންވެސްޓްމަންޓްތައް ގެނައުމާއި، ފަތުރުވެރިކަމާއި، ތިމާވެށި އަދި ބައިނަލްއަޤުވާމީ ދަތުރުފަތުރުގެ ދާއިރާއިން ބޭރުގެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.