ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޓީޗަރުންގެ މަސައްކަތުގެ ބުރަ ކުޑަކުރަން ޚާއްޞަ އިސްކަމެއް: އަންނަ އަހަރު ކޮމްޕިއުޓަރު ދެނީ

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ---
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ---

ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންގެ މަސައްކަތުގެ ބުރަ ކުޑަކޮށް، އެފަރާތްތަކަށް ހިތްހަމަޖެހޭ ކިޔަވައިދިނުމުގެ މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެމުންދާކަމަށާއި، އެގޮތުން އަންނަ އަހަރުގެ ތެރޭގައި ހުރިހާ ޓީޗަރުންނަށް ކޮމްޕިއުޓަރު ސިސްޓަމް ފޯރުކޮށްދެވޭނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ބޭއްވި "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޓީޗަރުންގެ މަސައްކަތް ލުއިކުރުމަށްޓަކައި ކޮމްޕިއުޓަރު ސިސްޓަމްތައް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމުގެ ޢަމަލީ މަސައްކަތްތައް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި މުދައްރިސުންގެ ހައްޤުތަކާއި އެފަރާތްތަކުގެ ލުއިފަސޭހައަށް ޚާއްޞަ އިސްކަމެއް ދީފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޓީޗަރުންގެ ބޮޑު އިންސައްތައަކީ އަންހެނުން ކަމަށްވުމާއެކު، އާއިލީ ޒިންމާތަކާއި ގޭތެރޭގެ މަސައްކަތްތައް އުފުލަންޖެހޭ މިންވަރު އިތުރުވާ ކަމަށެވެ. އެހެންކަމުން ސްކޫލުތަކުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރުމަށާއި، ހުކުރު ދުވަސްތަކުގައި މަސައްކަތަށް ނުކުންނަންޖެހޭ މިންވަރު މަދުކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މި ދައުރުގެ ތެރޭގައި މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ވޭތުވެދިޔަ އަހަރުތަކަށްވުރެ ގިނަ ތަމްރީނު ޕްރޮގްރާމްތައް ހިންގިފައިވާކަން ވަޒީރު ފާހަގ ކުރެއްވިއެވެ. އެގޮތުން ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންގެ އިތުރުން، ސްކޫލްތަކުގެ އެޑްމިން އޮފިސަރުންނާއި ލީޑިންގ ޓީޗަރުންނަށް އަމާޒުކޮށްގެން މުޅިން އަލަށް ޚާއްޞަ ތަމްރީނުތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

އަތޮޅުތައް ޒޯންތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ތަމްރީނުތަކުގެ ތެރެއިން ދެކުނުގެ އަތޮޅުތަކުގެ ޕްރޮގްރާމްތައް ނިންމުމަށްފަހު، އުތުރުގެ ހއ، ހދ، އަދި ށ. އަތޮޅުގެ ލީޑިންގ ޓީޗަރުންނަށް ކުޅުދުއްފުށީގައި ބޭއްވި ތަމްރީނުތައްވެސް މިހާރު ވަނީ ނިންމާލާފައެވެ. ވަޒީރު ވިދާޅވި ގޮތުގައި މިފަދަ ހުރިހާ މަސައްކަތެއްގެ މަޤްޞަދަކީ މުދައްރިސުންގެ އަގުވަޒަންކޮށް، އުފާވެރި މާހައުލެއްގައި ކިޔަވައިދެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.