ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤައުމިއްޔަތު މާއްދާ ކީ-ސްޓޭޖު ތިނަކާ ހަމައަށް ތަޢާރަފުކުރެވިއްޖެ؛ އަންނަ އަހަރުން ފެށިގެން އަޚުލާޤު ހިމަނަނީ

ޤައުމިއްޔަތު މާއްދާ ކީ-ސްޓޭޖު ތިނަކާ ހަމައަށް ތަޢާރަފުކުރެވިއްޖެ؛ އަންނަ އަހަރުން ފެށިގެން އަޚުލާޤު ހިމަނަނީ

ރާއްޖޭގެ ސްކޫލްތަކުގެ ކީ-ސްޓޭޖު ތިނެއްގެ ގްރޭޑުތަކާ ހަމައަށް "ޤައުމިއްޔަތު" ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށިފައިވާ ކަމަށާއި، އަންނަ އަހަރުން ފެށިގެން އެ މާއްދާގެ މުޤައްރަރުގައި "އަޚުލާޤު" ހިމެނުމަށް ނިންމާފައިވާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށްދިޔަ ސަރުކާރުގެ "އަހާ ފޯރަމު"ގައި ޢާއްމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް 2024 ވަނަ އަހަރު ޤައުމިއްޔަތު މާއްދާ ތަޢާރަފުކޮށް، އެ މާއްދާ ކިޔަވައިދިނުން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
މި މާއްދާ ކިޔަވައިދިނުމުގައި ލިބުނު ތަޖުރިބާތަކުގެ އަލީގައި އަންނަ އަހަރުން ފެށިގެން މުހިންމު ބަދަލުތަކެއް ގެންނަވާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ދިވެހިންގެ މެދުގައި އިހުއްސުރެ އޮތް އަދަބު އިޙްތިރާމާއި ރިވެތި އަޚުލާޤީ ސިފަތައް އަލުން އާލާކުރުމުގެ ގޮތުން މިހާރުވެސް "ބިންގާ" ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހާސިލުކުރެވުނު ކަންކަމަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަފީޢު ވިދާޅުވީ، ކޮންމެ މަހަކަށް ޚާއްޞަ ޓީމެއް އެކުލަވާލައިގެން ރާއްޖޭގެ 200 ސްކޫލެއްގައި ދަރިވަރުން ބައިވެރިވާ ގޮތަށް 15،700 އަށްވުރެ ގިނަ ޙަރަކާތް މިހާތަނަށް ބޭއްވިފައިވާ ކަމަށެވެ.
އިތުރަށް ވަޒީރު ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ކާބަފައިންގެ ފަރާތުން ވާރުތަވި ރިވެތި އަޚުލާޤާއި، އުޅުމާއި، ދިރިއުޅުމުގެ ވައްޓަފާޅި ފަދަ ކަންކަން ހިމެނޭ ގޮތަށް ޤައުމިއްޔަތު މާއްދާ އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށެވެ.
އުމްރާނީ ތަރައްޤީއާ އެއްވަރަށް، ދިވެހި މުޖުތަމަޢަކީ ރިވެތި އަޚުލާޤާއި އިޙްތިރާމް އަދާކުރުމުގެ ސިފަތައް އަށަގެންފައިވާ މުޖުތަމަޢަކަށް ހެއްދެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ސިޔާސަތެކެވެ. މިގޮތުން އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއްވެސް ރައީސް ވަނީ މިއަހަރު އިޢުލާނުކުރައްވާފައެވެ.