ރަސްމާލޭގެ އައު މަޝްރޫޢާއެކު ދިވެހިންގެ ޖީބަށް އަހަރަކު 340 މިލިއަން ޑޮލަރު!
ރަސްމާލޭގައި ތަރައްގީކުރާ ބޮޑު މަޝްރޫއުގެ ދަށުން 8،800 ރިއަލް އެސްޓޭޓް ޕްރޮޕަޓީއާއި 3،000 ފަތުރުވެރިކަމުގެ އެނދު ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ދިވެހިންނަށް އަހަރަކު 340 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ޒަމާނީ ފެންވަރުގެ ޕްރޮޕަޓީތަކާއި ރިސޯޓު އެނދުތަކުގެ ސަބަބުން، ބައިނަލްއަގުވާމީ އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ބޮޑުވެ، އިގްތިސާދަށް އިންގިލާބީ ކުރިއެރުމެއް އަންނާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
މީގެއިތުރުން، މި މަޝްރޫއުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގިނަގުނަ އިގްތިސާދީ މަންފާތަކެއް ލިބި، ވަޒީފާގެ އައު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
Ads by BML
Ads by MACL
