މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަންނަން ކުދި ގައުމުތަކަށް ދޭ އެހީ އިތުރުކުރަން ރާއްޖެއިން ގޮވާލައިފި
ތުރުކީވިލާތުގެ އަންތާލިޔާގައި އިއްޔެ ރަސްމީކޮށް ފެށުނު އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް31) ގައި، ތިމާވެށީގެ ނުރައްކާތަކާ ކުރިމަތިލާންޖެހިފައިވާ ކުދި ޖަޒީރާ ގައުމުތަކަށް ފޯރުކޮށްދޭ މާލީ އަދި ފަންނީ އެހީތެރިކަން އިތުރުކޮށްދިނުމަށް ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފިއެވެ.
މި ސަމިޓުގެ ފުރަތަމަ ޕްލެނަރީ ސެޝަނުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވަމުން ގެންދަވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަންދޫބުންނެވެ.
މި ސެޝަނުގައި ރާއްޖޭގެ ފަރާތުން ވަކާލާތުކޮށްފައިވަނީ، މޫސުމީ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހެނީ ރާއްޖެ ފަދަ ނާޒުކު ތަންތަނަށް ކަމަށްވާތީ، އެފަދަ ގައުމުތަކުގެ ވިލުންވެރިކަން އިތުރުކުރުމަށާއި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތައް ލުއިފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން މުހިންމު ކަމަށެވެ.
Ads by BMLދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މަންދޫބުން ބައިވެރިވާ މި ކޮންފަރެންސްގައި، ދުނިޔޭގެ ފިނިހޫނުމިން ހިފެހެއްޓުމަށް ގައުމުތަކުން ވެފައިވާ ވައުދުތައް ފުއްދުމާ ގުޅޭގޮތުންނާއި ތިމާވެށީގެ ކާރިސާތަކުން ރައްކާތެރިވުމަށް އަޅާނެ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދާނެއެވެ.
Ads by MACL
