ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބީއެމްއެލްގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ 'ކާނިވާ 44' މާދަމާ ހުޅުމާލޭގައި ފަށަނީ

ބީއެމްއެލްގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ 'ކާނިވާ 44' މާދަމާ ހުޅުމާލޭގައި ފަށަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދާ ޚާއްޞަ ހަރަކާތް، 'ކާނިވާ 44' މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

ނޮވެންބަރު 11 އިން 14 އަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކާނިވަލުގައި ހުރިހާ އުމުރުފުރައަކާ ގުޅޭ މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތަކާއި، އާއިލީ ގުޅުން ބަދަހިކުރުމުގެ ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން، އެކި ބާވަތްތަކުގެ މުދަލާއި ކާބޯތަކެތި ވިއްކާ ގިނަ އަދަދެއްގެ ވިޔަފާރި ސްޓޯލްތައް ވެސް މި ކާނިވަލުގައި ބައިވެރިވާނެ ކަމަށް ބީއެމްއެލްއިން މަޢުލޫމާތު ދެއެވެ.

މި އަހަރުގެ ކާނިވަލުގެ އެންމެ ޚާއްޞަ އެއް ކަމަކީ ބީއެމްއެލްގެ 'ސްވައިޕް' ވޮލެޓް ބޭނުންކޮށްގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޚާއްޞަ ޕްރޮމޯޝަނެވެ. މި ޕްރޮމޯޝަންގެ ދަށުން ކާނިވަލުގައި ބައިވެރިވާ ސްޓޯލްތަކުން ސްވައިޕް މެދުވެރިކޮށް ކުރާ ކޮންމެ ވިޔަފާރި މުޢާމަލާތަކާއެކު އަގުހުރި އިނާމުތަކެއް ހޯދުމުގެ ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ އިނާމުތަކުގެ ގޮތުގައި 5 މެކްބުކް ނިއޯ އާއި 2 ބެޓެރި ސައިކަލު ވަނީ ހުށަހަޅާފައެވެ. ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާ ހަވީރު 4:00 އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށެވެ.

ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، 'ކާނިވާ 44' އާންމުންނަށް ހުޅުވާލެވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް، އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.

މި ކާނިވަލާ ގުޅޭ އިތުރު މަޢުލޫމާތު 'ކާނިވާ 44' މެދުވެރިކޮށް ލިބެން ހުންނާނެއެވެ.