ތިލަފުށީ ބަނދަރާއެކު ނޯތު ހާބަރުގެ ތޮއްޖެހުމަށް ދާއިމީ ޙައްލެއް ލިބޭނެ: އެމްޕީއެލް
ތިލަފުށީ ވިޔަފާރި ބަނދަރުގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފެށުމާއެކު، މާލޭ ނޯތު ހާބަރަށް ބޯޓުފަހަރު ކައިރިކުރުމުގައާއި މުދާ ބޭލުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
މުދާ އުފުލާ އޮޑިދޯނިފަހަރަށް ނޯތު ހާބަރުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުވެ މަޢުލޫމާތު ދެއްވަމުން، އެމްޕީއެލްގެ ސީއީއޯ ޙުސައިން ޝަފީޤު ވިދާޅުވީ ނޯތު ހާބަރުގައި މިހާރު އޮތް ޖާގައަކީ ބޯޓުފަހަރަށް އެކަށީގެންވާ ޖާގައެއް ނޫން ކަމަށެވެ.
ނަމަވެސް، ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުވުމާއެކު އެ ތަނުގައި 2.3 ކިލޯމީޓަރުގެ ދިގު ކީވޯލެއް ޤާއިމުވެގެންދާނެ ކަމަށާއި، މިއާއެކު މުދާ އުފުލުމުގެ ދާއިރާއަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLމި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނޯތު ހާބަރުގެ ސެކްޝަން މެނޭޖަރު މުޙައްމަދު އަޒަރު ވިދާޅުވީ، ނޯތު ހާބަރުގެ ޚިދުމަތް ފެށިއިރު އެތަން ބޭނުންކުރީ 80 ބޯޓުން ނަމަވެސް، މިހާރު އެ އަދަދު 149 އަށް އިތުރުވެފައިވާ ކަމަށެވެ. ކޮންމެ އަހަރަކުވެސް 25 އާއި 34 އާ ދެމެދުގެ އަދަދަކަށް އައު ބޯޓުފަހަރު އިތުރުވަމުންދާއިރު، ބަނދަރުގެ ފަޅު އިތުރަށް ބޮޑުނުވުމަކީ ޚިދުމަތް ދިނުމުގައި ލަސްތަކެއް ކުރިމަތިވާ މައިގަނޑު ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ.
ނޯތު ހާބަރުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި އުސޫލުތަކަށް އިޞްލާޙުތަކެއް ގެނެސްފައިވާކަން ފާހަގަކުރަމުން އެމްޕީއެލްއިން ބުނީ، އޮޑިވެރިންނާއި ކެޕްޓަނުންނަށް އެންމެ ފަސޭހަ ގޮތްތައް ދެނެގަތުމަށް 104 ބޯޓެއްގެ ފަރާތުން މަޢުލޫމާތު އެއްކޮށް ސާވޭއެއް ކޮށްފައިވާ ކަމަށެވެ. އަދި މަގު ފުޅާކުރުމާ ގުޅިގެން ބަނދަރުގެ އެއްގަމު ސަރަޙައްދު ކުރިއަށްވުރެ ހަނިވެފައިވާތީ، ސަލާމަތީ ގޮތުންނާއި ޚިދުމަތް ދިނުމަށް އެންމެ ރަނގަޅު ގޮތަކީ މިހާރު ޢަމަލުކުރަމުންދާ އުސޫލުތައް ދެމެހެއްޓުން ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
Ads by MACL
