ބަންދު ދުވަސްތަކުގައި މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފި
ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައިވާ ގޮތުގައި، ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ގުގުރުމާއެކު ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެއެވެ. މި ވިއްސާރައިގައި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުޞަތު އޮތުމާއެކު، ޢާންމު ރައްޔިތުންނާއި ދަތުރުވެރިން މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެކެވެ.
ވިއްސާރަ ދުވަސްވަރެއްގައި ޢާއިލާއާއި ރައްޓެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކަށް ފުލުހުން ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި ޢާންމުކޮށް ދަތުރުކުރާ ފަރިތަ މަގުތަކަކީވެސް ނުރައްކާތެރި ތަންތަނަށް ވެދާނެކަން ހަނދާން ބެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ. ޚާއްޞަކޮށް މަގުތައް ތެމިފައި އޮތުމުގެ ސަބަބުން ސައިކަލު ކަހާލައިގެން އެކްސިޑެންޓްވުމުގެ ފުރުޞަތު ބޮޑުވުމުގެ އިތުރުން، ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި މަގުމަތީގެ އަޑިގުޑަންތައް ފޮރުވިފައި ހުރެދާނެތީ، އެންމެ ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި އުޅަނދުފަހަރުގެ ދުވެލި މަޑުކުރުމަށް ފުލުހުން އިރުޝާދު ދެއްވައެވެ.
Ads by BMLމީގެ އިތުރުން، ގޯތިތެރެއާއި ގޭތެރޭގައި ފެންބޮޑުވާ ހާލަތްތަކުގައި ކަރަންޓު ސާމާނާއި ހާމައަށް ހުންނަ ނަރުތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރައްވައި، ފެންބޮޑުވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ގޭތެރެއަށް ފެންވަނުމުގެ ކުރިން ކަމާބެހޭ އިދާރާތަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ކޮޅިގަނޑާއެކު އަންނަ ގަދަވަޔާއެކު ވަޔާ ހިނގައިދާނެ ފަދަ ތަކެތި ރަނގަޅަށް ހަރުކޮށް ރައްކާތެރިކުރުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
ބަންދު ދުވަސްތަކުގައި ކަނޑުދަތުރުފަތުރު ކުރުމަށް ރާވާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ބަލައިގެން ދަތުރުތައް ރޭވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
Ads by MACL
