ހައްގުތަކުގެ ފުރިހަމަ ފައިދާ ލިބޭނީ ވާޖިބުތައް އަދާކޮށްގެން: ބަންޑާރަނައިބު
ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ފުރިހަމަ އުފާ ލިބިގަނެވޭނީ ކޮންމެ ފަރުދަކުވެސް އެމީހެއްގެ މައްޗަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކޮށްގެން ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމު ވިދާޅުވެއްޖެއެވެ.
އުޝާމު ވިދާޅުވީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ހައްގުތަކާއެކު ޒިންމާތަކެއް އޮންނަކަން ގަބޫލުކުރުމަކީ ނިޒާމު ހަރުދަނާވުމުގެ އަސާސް ކަމަށެވެ.
ބަންޑާރަނައިބުގެ އޮފީހުން ޔޫއެންޑީޕީއާއި އީޔޫގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "އެނގުމަކީ ބާރެއް" ޕްރޮގްރާމުގެ ތެރެއިން މިއަދު އާންމުކުރި ވީޑިއޯއެއްގައި ބަންޑާރަނައިބު ފާހަގަކުރެއްވީ، ހައްގުތަކާއި ވާޖިބުތަކަކީ އެއް ފައިސާ ފޮއްޗެއްގެ ދެފުށް ފަދަ ދެކަންތައް ކަމަށެވެ. އަދި އެއިން އެއްކަން ކަނޑައެޅިގެން އުނިކޮށްގެން އަނެކަމުގެ ފުރިހަމަ ބޭނުން ނުހިފޭނެ ކަމަށްވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.
Ads by BMLމި އުސޫލަކީ ގާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމެއްކަން ފާހަގަކުރައްވަމުން އުޝާމު ވިދާޅުވީ، ކޮންމެ މީހަކުވެސް ހައްގުތައް ލިބިގަންނައިރު ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމާއި، ދައުލަތުގެ މުދަލާއި ތިމާވެށި ރައްކާތެރިކުރުމުގެ އިތުރުން އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުން ފަދަ ކަންކަން ކޮންމެހެން އިސްކުރަންޖެހޭ ކަމަށެވެ.
އޭގެ އިތުރުން، ދަތުރުފަތުރުކުރުމުގެ މިނިވަންކަން ލިބިފައިވީ ނަމަވެސް، މަގުމަތީގައާއި އާންމު ތަންތަނުގައި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫނޫންނާނެ ގޮތަށް އަމަލުތައް ބެހެއްޓުމަކީ ފަރުދީ ޒިންމާއެއްކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް އޮތް ނަމަވެސް، އެ ހައްގުތަކުގެ ބޭނުން ހިފަންވާނީ ގާނޫނުގެ އިމުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ. އަދި ހިޔާލު ފާޅުކުރުމުގެ ނަމުގައި އަނެކުންގެ އަބުރަށް އަރައިގަތުމަކީ ގާނޫނުއަސާސީން ފުރުސަތު ދޭ ކަމެއް ނޫންކަންވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ބަންޑާރަނައިބު ވިދާޅުވި ގޮތުގައި، ހަގީގީ ޑިމޮކްރެޓިކް މުޖުތަމައެއް ގާއިމުކުރެވޭނީ ހަމައެކަނި ހައްގުތައް ހޯދައިދީގެންނެއް ނޫނެވެ. އޭގެ ބަދަލުގައި، ކޮންމެ ފަރުދަކުވެސް އެމީހެއްގެ މައްޗަށް އޮތް ވާޖިބުތައް އަދާކުރުމުގައި ޒިންމާދާރުވެގެން ކަމަށް ވިދާޅުވިއެވެ.
Ads by MACL
