ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ބޮޑު ބަދަލެއް: 22 މަޝްރޫޢެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި
ރާއްޖޭގެ ގިނަ ރަށްތަކެއްގެ އުމްރާނީ ސިފަ ބަދަލުކޮށް، އާންމު ޚިދުމަތްތައް ފުޅާކުރުމުގެ މަގުސަދުގައި 22 ތަރައްޤީގެ މަޝްރޫޢެއް ހިންގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު ސަރުކާރުން މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.
މި އެއްބަސްވުންތަކުގެ ދަށުން އެންމެ ގިނައިން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ރަށްރަށުގެ މަގުތައް ހެދުމުގެ މަސައްކަތްތަކެވެ. އެގޮތުން 8 ރަށެއްގައި މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އދ. ހަންޏާމީދޫ، ބ. ކަމަދޫ، ކ. މާފުށި، ނ. މާޅެންދޫ، ރ. އަނގޮޅިތީމު، ރ. ވާދޫ، ށ. ކޮމަންޑޫ އަދި ތ. ވަންދޫގައެވެ.
Ads by BMLރަށްރަށުގެ ގޮނޑުދޮށްތައް ގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން 5 ރަށެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވެފައެވެ. މި މަސައްކަތްތައް ކުރިއަށްދާނީ އއ. މާޅޮސް، ހއ. ތުރާކުނު، ހދ. ނައިވާދޫ، ހއ. ވަށަފަރު އަދި ނ. މިލަދޫގައެވެ.
ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި 6 ރަށެއްގެ ބަނދަރު ތަރައްޤީކުރުމާއި އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އެއީ ކ. ތުލުސްދޫ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ވިލުފުށި އަދި ނ. ޙޮޅުދޫގައެވެ.
އުމްރާނީ އެހެނިހެން މަޝްރޫޢުތަކަށް ބަލާއިރު، ހދ. ވައިކަރަދޫގައި މޫދަށް އެރޭ ސަރަޙައްދަކާއި ސްލިޕްވޭއެއް ހެދުމާއި، ރ. ފައިނުގައި ބީޗެއް ތަރައްޤީކުރުން ހިމެނެއެވެ. މީގެއިތުރުން ޏ. ފުވައްމުލަކުގައި 9 ފަންގިފިލާގެ އޮފިސް ކޮމްޕްލެކްސްއެއް އިމާރާތްކުރުމުގެ ބޮޑު މަޝްރޫޢުވެސް މި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލިސް މެންބަރުންވެސް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by MACL
