ރާއްޖޭގެ ފަސް ސަރަހައްދަކަށް ޑްރޯންގައި ބޭސް އުފުލުމުގެ ޓެސްޓް ދަތުރުތައް އަންނައަހަރު ފަށަނީ
ރަށްރަށަށް ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ޒަމާނީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުމުގެ އަމަލީ ޓެސްޓު ދަތުރުތައް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިއަށް އޮތް އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.
ސްޓޭޓް ފާމާގެ މައި ބޭސް ގުދަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު އަހުމަދު އިމާދު ވިދާޅުވީ، މިއީ އަތޮޅުތެރޭގެ ރަށްރަށަށް ބޭސް ފޮނުވުމުގެ ނިޒާމު އަވަސްކޮށް ހަރުދަނާކުރުމަށް ކުރިއަށް ގެންދާ ޕައިލެޓް ޕްރޮޖެކްޓެކެވެ. އަދި ފުރަތަމަ ކުއާޓަރުގައި ކުރެވޭ ތަޖުރިބާ ދަތުރުތަކުގެ ނަތީޖާއަށް ބަލައި، ޚާއްޞަ މާސްޓާ ޕްލޭނެއްގެ ދަށުން ރާއްޖޭގެ ބޮޑު ބަޔަކަށް މުޅި ނިޒާމު ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޑްރޯން ޚިދުމަތުގެ އިތުރުން، ރަށްރަށުން ބޭސް ލިބެން ހުރި މިންވަރު ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އެގޮތުން، ބޭސް ހުރި ތަންތަނާއި އޭގެ ތަފްސީލު އާންމުންނަށް ޑިޖިޓަލްކޮށް ބަލާލެވޭނެ "ސިޓިޒިން ޕޯޓަލް" މިއަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން އިފްތިތާހުކުރުމަށް ވަނީ އަމާޒުހިފާފައެވެ.
Ads by BMLރާއްޖޭގައި ޑްރޯން މެދުވެރިކޮށް ބޭސް އުފުލުމުގެ މަޝްރޫއެއް އެންމެ ފުރަތަމަ ފެށީ 2023 ވަނަ އަހަރު ސްވިޒަލޭންޑުގެ ރިޖިޓެކް ކުންފުންޔާ ގުޅިގެންނެވެ. އެ އަހަރުގެ ސެޕްޓެމްބަރު މަހު ހުވަދު އަތޮޅުގައި އެފަދަ ދަތުރުތަކަށް ޚާއްޞަ ޑްރޯނެއް ތައާރަފުކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މި ޒަމާނީ ވަސީލަތުގެ ބޭނުން ހިފައިގެން ސިއްހީ ޚިދުމަތްތައް މުޅި ރާއްޖެއަށް އާންމުކުރުމެވެ.
Ads by MACL
